





.jpg?w=3840&q=75)


ދިވެހިރާއްޖެއިން ކުދި ރަށްވެހި ގައުމުތަކަށް ދިމާވާ ގޮންތަކަށް އަޑުއުފުލައިފިއެވެ.
ރާއްޖެއިން އަޑު އުފުލާފައިވަނީ ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ ބައިނަލްއަޤްވާމީ މަޝްވަރާ ކޮމިޓީ (އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ - INC) ގެ 2 ވަނަ އިންފޯމަލް ބައްދަލުވުމުގައެވެ.
ދިވެހިރާއްޖެއިން ވަނީ ކުދި ރަށްވެހި ގައުމުތަކަށް (SIDS) ޕްލާސްޓިކް ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ ނުފުރާދީ އަދި ބޯޑަރުތަކުން ފަހަނަޅައިދާ އަސަރުތައް ފާހަގަކޮށް، މިފަދަ ގައުމުތަކުގެ ޚާއްސަ ހާލަތްތަކާއި ނިކަމެތިކަން ފާހަގަކޮށް، ފަހުގެ މުއާހަދާގެ ލިޔުމުގައި އެކަންކަން ހަރުދަނާކޮށް ހިމަނައި، އަމަލީގޮތުން ހިންގުމަށް ގޮވާލާފައެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ ތައިލެންޑްގެ ބެންކޮކްގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ލީގަލް ކައުންސެލް، އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމް އާއި އެންވަޔަރަންމަންޓް އެނަލިސްޓް، އަލްފާޟިލާ ފާތިމަތު ޝަމްރާއެވެ. މި ދެ ބޭފުޅުންގެ ބައިވެރިވުމަކީ، ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ މުއާހަދާގެ އެކި ދިމާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. މީގެ މަޤްސަދަކީ، 2027 ވަނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ INC ގެ ފަސްވަނަ ބައްދަލުވުމުގެ ހަތަރުވަނަ ބައިގައި މުއާހަދާގެ މަސައްކަތް ނިންމުމަށްޓަކައި ގައުމުތަކުގެ މެދުގައި އެއްބަސްވުން ބިނާކުރުމެވެ. މި ބައްދަލުވުންތަކުން މި ބޮޑު ތިމާވެށީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރެވެއެވެ.




