މުދައްރިސުން ގެންދަވަނީ ދަރިންނަށް މަގުދައްކައި، އެ ކުދިން ތަރުބިއްޔަތުކޮށް، އަޅުގަނޑުމެން ފަހުރުވެރިވާ ފަދަ ވަރުގަދަ އަދި އަޅާލާ މުޖުތަމައުތަކެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މެޑަމް ސާޖިދާ ވިދާޅުވީ ދިރިއުޅުމަށް ދެމިގެންދާ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދޭ މުދައްރިސުންގެ ބުރަ މަސައްކަތާއި، ކޮމިޓްމަންޓާއި، އޯގާތެރިކަން އަބަދުވެސް ބަލައިގަންނަ ކަމަށެވެ.
ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ކްލާސްރޫމްތައް ކުރިއަރަމުން އަންނައިރު، މުދައްރިސުންނަށް އާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ބަދަލުވަމުން އަންނަ މުސްތަޤުބަލަކާ ކުރިމަތިލާން ޖެހިފައިވާކަން މެޑަމް ފާހަގަކުރެއްވި އެވެ. އަދި މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށްޓަކައި މުދައްރިސުން ބާރުވެރިކުރުވައި، އެ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ޤާބިލުކަން ހޯދައިދިނުމުގައި ދެމިތިބުމަކީ ނުހަނު މުހިންމު ކަމެއްކަންވެސް މެޑަމް ވިދާޅުވި އެވެ.
މީގެއިތުރުން މެޑަމް ވަނީ ކޮންމެ މުދައްރިސަކުވެސް ބަހައްޓަވާ ކެތްތެރިކަމަށާއި، ދެއްވާ އަޅާލުމަށާއި، ކޮންމެ ދުވަހަކު ދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މުދައްރިސުން ކުރައްވާ އަސަރަކީ ކްލާސްރޫމުގެ ފާރުތަކުން ބޭރަށް، މުޅި ޙަޔާތަށް ދެމިގެންދާނެ އަސަރެއްކަން ފާހަގަކުރައްވައި، ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުންތައް އެކަމަނާ އަރިސްކުރެއްވި އެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)


