
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އޮފީހަށް ގަޑިއަށް ހާޒިރުވެ، އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމަކީ އާދައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ގައުމީ ދުވަހުގައި އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމްތަކަކީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމަށާއި އަހުލާގީ އަގުކުރުންތައް އާލާކުރުން ކަމަށެވެ. އަދި ދިވެހިންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ, އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހުރިހާ މާނައެއްގައި އިހުތިރާމް އަދާކުރާ, އެއްބައެއްކަމުގެ އިހުސާސް، ދިވެހި އުންމަތުގައި ދިރިވުމުގެ އަޒުމް އާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން، ޓެކްސީ ދަތުރެއް ނިންމާފައި ފައިބަމުން ޓެކްސީ ޑްރައިވަރަށް ޝުކުރު އަދާކުރުމަށާއި ލިފްޓަކަށް އަރާއިރު, ފަހަތުން އަންނަ މީހާއަށްޓަކައި މަޑުކޮށްލުމަށާއި މަގުމަތީ ދުވާރުމަތިން ހިނގައިފައިދާއިރު, އެހެން މީހުންނަށް ޖާގަ ލިބޭ ގޮތަށްދާނަމަ އަނެކާއަށް ހިތްހަމަޖެހުމާއި އުފަލާއި ކުލުނު އިހުސާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އަވަށްޓެރިޔާއަކީ ނުދަންނަ ބީރައްޓެއްސެއް ނަމަވެސް އޭނާއަށް ދޭން އޮންނަ މަގާމާއި ގަދަރާއި އިހުތިރާމާއި އަޅާލުން ތިމާގެ ފަރާތުން ދެވޭނަމަ ބީރަށްޓެހިކަން ރަށްޓެހިކަމަށް ބަދަލުވެ, ތިމާ އުޅޭ މާހައުލުގައި އަމާންކަމާއި ހިތްހަމަޖެހުން އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޮފީހަށް ގަޑިޔަށް ހާޒިރުވުމާއި އޮފީހުގައި މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމަށް ރައީސް އެދިވަޑައިގަތެވެ. އަދި ސަލާން ބުނުމަކީ އާދަޔަކަށް ނުހެދުމަށް އިރުޝާދުދެއްވިއެވެ.
"ތިމާއާ ހަލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އަދި މިގޮތުގައި ކޮންމެ ދުވަހަކު އޮފީސް ނިމެންދެން މަސައްކަތް ކުރުމުގައި ހޭދަކުރެވޭނަމަ، އެއީ ދައުލަތަށްވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ލިބޭނެ، ކިހާރީތި ނަމެއްތޯ؟,“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, މިއީ މި ޒަމާނުގައި ހޯދައިފައިވާ ހައްގުތަކާއި ލުއިކަން ބޭނުން ނުކުރަން ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ އިލްތިމާސަކީ މަސައްކަތުގެ އަހުލާގުގައިވެސް އަމާނާތްތެރިވެ, ފަރުވާތެރިވެ, ތެދުވެރިވެ ޒިންމާދުރުވުމަށް ކަމަށެވެ.
މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރުމަށް ރައީސް ނަޞޭހަތްތެރިވެވަޑައިގަތެވެ.
" އޮފީހުގެ ވެރީންނާއި މުވައްޒަފުންނަށް މިގޮތުގައި މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރެވޭނަމަ، ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އެ ލިބިގެންދަނީ ކިހާބޮޑު ހިތްހަމަޖެހުމެއްތޯ؟ މަސައްކަތުން ނެރެދޭ ނަތީޖާ އެތައް ގުނައަކުން މަތިވެ، މުޖުތަމަޢާއި ޤައުމަށް ލިބިގެންދާނީ ކިހާބޮޑު ކުރިއެރުމެއްތޯ؟,“ ރައީސް ވިދާޅުވި އެވެ.












