








ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބާއްވަން ނިންމާ ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.
މި ފަހުމުނާމާގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ޚާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ" އަދި "ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ދާރުލްއާސާރުގައިވެސް ޚާއްޞަ މަޢުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި މަޢުރަޒުތަކުގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރާއި 'މެރިޓައިމް ސިލްކް ރޫޓު'ގެ ތާރީޚީ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދިއުމަށްވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ސަގާފަތާއި ތަރިކައާއި، މިއުޒިއަމް މެނޭޖްމަންޓާއި އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި މުވައްޒަފުންގެ ހުނަރާއި ޢިލްމު އިތުރަށް ތަރައްޤީކުރުމަށްޓަކައި، ޗައިނާގެ ޔުނިވަރސިޓީތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދުވެސް ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ.








