


.jpg?w=3840&q=75)

.jpeg?w=3840&q=75)


2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު ދެއްވީ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުން މިންކުރެވެނީ ދެ ޤައުމުން އުފައްދާ ފުރުޞަތުތަކާއި ގުޅިގެން ބިނާކުރާ މުސްތަޤުބަލުގެ މައްޗަށް ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިޤްތިޞާދީ ގުޅުމުގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓުގައި ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 440 މިލިޔަން ޑޮލަރުގެ މުދާ ޗައިނާއިން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިޔަން ޑޮލަރުގެ މުދަލަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެތެރެކުރެވުނު ތަކެތި ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކޮށް، މުޅި މުޖުތަމަޢަށް އޭގެ ލާބައާއި މަންފާ ލިބޭނޭހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަހުގެ ބާވަތްތަކާއި ދިވެހި އުފެއްދުންތަކަށް ޗައިނާގެ މާކެޓުގައި ފުރުޞަތުތައް އެބަހުރިކަން ބަޔާންކުރައްވައި، ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅިގެން އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.



.jpg?w=3840&q=75)



