


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)



ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ޙައްޤާއި އިންސާފުގެ މަގުގައި އަޑުއުފުލުމުގައި ރާއްޖެއަކީ އަބަދުވެސް ނަމޫނާ ޤައުމެކެވެ. ޚާއްޞަކޮށް، އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ރާއްޖެއިން ދަނީ ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އެންމެ ފަހުން ބޭއްވުނު އދ. ގެ ޢާންމު މަޖިލީހުގައި ރާއްޖެއިން ދައްކުވައިދިން ހިތްވަރާއި ނިންމި ނިންމުމަކީ މުޅި ދުނިޔެއަށް ދިން ވަރުގަދަ މެސެޖެކެވެ.
މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ޔަހޫދީ ޒަޔަނިސްޓް ދައުލަތް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުގެ ކުރިން، އެކަމާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން ވަނީ މަޖިލީހުގެ ޖަލްސާ ދޫކޮށް ނުކުމެފައެވެ. ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިނަ ޤައުމުތަކަކުން މިގޮތަށް އިޙްތިޖާޖުކޮށް މާލަން ދޫކޮށް ނިކުމެފައިވާއިރު، މިއީ މިގޮތަށް ދިވެހިރާއްޖެއިން ޢަމަލުކުރި 3 ވަނަ އަހަރެވެ. މިއަހަރުގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ނިންމުމާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢާޞިމް އަޙްމަދު އަދި ސަރުކާރުގެ އިސް ޑިޕްލޮމެޓުން މީސްމީޑިއާގައި ޙިއްޞާކުރެއްވި ބަޔާންތަކުގައި ފާހަގަކުރައްވާފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކުންވެސް އެއް ހަމައަކުން ތަބާވާންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޤައުމަކީ ޤާނޫނަށްވުރެ މަތީގައި އޮތް ޤައުމެއް ނޫން ކަމަށާއި، ބައިނަލްއަޤްވާމީ އުޞޫލުތައް ފުނޑުފުނޑުކޮށްލާ ބަޔަކާއެކު އެއް މާހައުލެއްގައި ތިބުމުގެ ފުރުޞަތު ދިވެހިރާއްޖެއިން ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، އެފަދަ ޖަރީމާތައް ޢާންމު ވެގެންދިއުމުގެ ފުރުޞަތުވެސް ރާއްޖެއިން ނުދޭނެކަން ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެ އަބަދުވެސް އޮތީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައެވެ. ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތުކުރަމުން ދަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށެވެ. އަދި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރާއްޖެއިން ދަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ގޮވާލަމުންނެވެ.
ޔަހޫދީ ދައުލަތުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޤަތުލުޢާންމާއި، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ބޭރުކުރަމުންދާ ޖަރީމާތައް ރާއްޖެއިން ދަނީ އެންމެ ހަރުއަޑުން ކުށްވެރިކުރަމުންނެވެ. އަދި މި ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލައެވެ.
ފަލަސްޠީނުގެ މައްސަލައިގައި މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުރިއަށްވުރެވެސް ހަރުދަނާވެފައި ވަރުގަދައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ ޔަހޫދީ ދައުލަތް ފިޔަވައި އެހެން ހުރިހާ ޤައުމަކާއެކު ދިވެހިންގެ މަޞްލަޙަތު އިސްކޮށްގެން ގާތް ގުޅުމެއް ބޭއްވުމެވެ. މިގޮތުން އެޅުނު ޢަމަލީ އެންމެ ވަރުގަދަ ފިޔަވަޅަކީ، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ނިންމެވި ނިންމެވުމެވެ.
އދ. ގެ މަންސަތަކުގެ އިތުރުން ދިވެހިރާއްޖެ ތަމްސީލުކުރަން ލިބޭ ބައިނަލްއަޤްވާމީ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައި، ފަލަސްޠީނުގެ މައްސަލަ އިސްކޮށް، އެ ޤައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ދަނީ ސާބިތުކަމާއެކު މަސައްކަތް ކުރަމުންނެވެ. މިއީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ފަލަސްޠީނަށް އޮތް ލޯތްބާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު ދައްކުވައިދޭ ވަރުގަދަ ހެއްކެކެވެ.



.jpg?w=3840&q=75)




