







ރާއްޖެއާ ސަޢޫދީ އާ ދެމެދު އޮތީ އިސްލާމީ މަތިވެރި އުޞޫލުތަކުގެ މައްޗަށްބިނާވެފައިވާ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ސަޢޫދަށާއި، ވަލީޢަޙްދު އަދި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް ސަޢޫދަށާއި، ސަޢޫދީ ޝާހީ ޢާއިލާއަށާއި ސަރުކާރަށް އަދި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތީ ޤަރުނުތަކެއްވީ ތާރީޚީ ގުޅުމަކާއި އިސްލާމީ މަތިވެރި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ފުން ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަމާއި ވެދެއްވާ ބޮޑެތި ޙިއްޞާތަކަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުވެރިވާކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަދި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެ ފުރިހަމަވަމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބިއޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަވެރިކަމާއި، ފާގަތިކަމާއި، އަދި މަތިވެރި ޝަރަފާއި ޢިއްޒަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ރައީސުލްޖުމްހޫރިއްޔާ ދުޢާދަންނަވާފައިވެއެވެ.







