


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)



-
ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ވިލުންވެށި" ގްރާންޓް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކުންފުނިތަކަށްވެސް ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މުހިންމު މަޝްރޫޢެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށާއި، އެހެންކަމުން އަންނަ އަހަރު އިތުރު ޕްރޮޕޯޒަލްތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މި ޕްރޮގްރާމްގެ ދަށުން ފުރުޞަތު އޮންނަނީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ފުރުޞަތު ކުންފުނިތަކަށް ފުޅާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު އޮތް އުޞޫލުން މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭއިރު، ކުންފުނިތަކަށް ހުޅުވާލާއިރު މާލީ އެހީގެ މިންވަރު މިއަށްވުރެ ބޮޑުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ގިނަ ޢަދަދެއްގެ ސްޓާޓްއަޕްތައް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމަކަށް އެދިގެން ތިބި ކަމަށާއި، މިފަދަ ފުރުޞަތުތަކުގެ ސަބަބުން އެ ފަރާތްތަކުގެ އީޖާބީ ޚިޔާލުތައް މުޖުތަމަޢުގައި ޢަމަލީގޮތުން ތަންފީޛުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
މިދިޔަ ޖޫން މަހު ހުޅުވާލި މި ޕްރޮގްރާމަށް ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން މިހާރު 150 ޕްރޮޕޯޒަލްއެއް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެހީ ލިބޭ ފަރާތްތައް އިޢުލާންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 50 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެލުއޭޝަންގައި އެސްއެމްއީ ބޭންކު ބައިވެރިކުރާ ސަބަބު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކަކީ ގްރީން ކްލައިމެޓް ފަންޑު ފަދަ ބައިނަލްއަޤްވާމީ ފަންޑުތަކަށް އެކްރެޑިޓް ކުރެވިފައިވާ ތަންތަނަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، ބޭންކުތަކުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި މިފަދަ ޕްރޮގްރާމްތަކުގައި ބޭންކުތައް ޢަމަލީގޮތުން ބައިވެރިކުރުން މުހިންމު ކަމަށެވެ.
ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ރާއްޖޭގެ މާޙައުލު ވިލުންތެރިކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި ޑިޖިޓަލް ވަސީލަތްތަކާއި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ އީޖާދީ މަގުތައް ފަހިކޮށްދިނުމެވެ.



.jpg?w=3840&q=75)




