




.jpg?w=3840&q=75)



ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އަދި އޭނާގެ މަންމަ ކްރިޝްނާ މުކަރްޖީ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ މަންމަ، ކްރިޝްނާ މުކަރްޖީ އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.
ޔަޝް ރާޖް ފިލްމްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި، ރާނީގެ އާއިލާގެ ފަރާތުން މި ހިތާމަވެރި ޚަބަރު ވަނީ ޔަގީންކޮށްދީފައެވެ. އަދި އާއިލާއަށް ލިބިފައިވާ މި ފުން ހިތާމައިގެ ވަގުތުގައި، ހެޔޮއެދޭ ފަރާތްތަކުން ދޭ ލޯތްބާއި ހެޔޮދުއާއަށް ޝުކުރުވެރިވާ ކަމަށާއި، މި ވަގުތު އާއިލާގެ ޕްރައިވެސީއަށް އިހުތިރާމްކޮށްދިނުމަށް ވަނީ އެދިފައެވެ.
ކްރިޝްނާ މުކަރްޖީ މަރުވި ސީދާ ސަބަބެއް އާއިލާއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އޭނާ އަކީ ބެންގާލީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި ކުރީގެ ޕްލޭބެކް ލަވަކިޔުންތެރިއެކެވެ.
ރާނީ މުކަރްޖީއަކީ އޭނާގެ މަންމައާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮންނަ ތަރިއެކެވެ. އެކި ހަފްލާތަކުގައި މަންމައާއެކު ރާނީ ބައިވެރިވެފައިވާއިރު، ރާނީގެ ކެރިއަރުގައި މަންމަގެ ފަރާތުން ބޮޑު އެއްބާރުލުމަކާއި ހިތްވަރެއް ލިބިފައިވާކަން އެކި ފަހަރުމަތިން އިންޓަވިއުތަކުގައި ފާހަގަކޮށްފައިވެއެވެ.




