




.jpg?w=3840&q=75)


އެސް.އެސް ރާޖަމޯލީ ޑައިރެކްޓްކުރާ އެކްޝަން-އެޑްވެންޗަރ ފިލްމު "ވަރާނަސީ" ގެ ޝޫޓިން މަހޭޝް ބާބޫ ނިންމާލާފައިވާއިރު، މި ފިލްމު ރިލީޒްކުރާނީ 2027 ގައި.
ސައުތު ސިނަމާގެ މަޝްހޫރު ތަރި މަހޭޝް ބާބޫގެ ކުރިއަށް އޮތް ބޮޑު އެކްޝަން-އެޑްވެންޗަރ ފިލްމު "ވަރާނަސީ" ގައި އޭނާ ކުޅުމަށް ހަމަޖެހިފައިވާ ބައިތަކުގެ ޝޫޓިން، 600 އަށްވުރެ ގިނަ ދުވަހަށްފަހު ނިންމާލައިފިއެވެ.
މަޝްހޫރު ޑައިރެކްޓަރު އެސް.އެސް ރާޖަމޯލީ ޑައިރެކްޓްކުރާ މި ބޮޑު ފިލްމުގައި މަހޭޝް ބާބޫގެ އިތުރުން ލީޑް ރޯލުތަކުން ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އަދި ޕްރިތްވީރާޖް ސުކުމާރަން އެވެ.
ރިޕޯޓުތައް ބުނާގޮތުން 24 ޖެނުއަރީ 2025 ގައި ޝޫޓިން ފެށި މި ފިލްމުގެ މަހޭޝް ބާބޫގެ މަންޒަރުތައް 606 ދުވަހުގެ މަސައްކަތަށްފަހު، މި ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ މުޅިން ނިންމާލާފައެވެ.
"ވަރާނަސީ" އަކީ 2027 ވަނަ އަހަރަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އެނބުރެނީ ދުނިޔެއާ ދިމާލަށް އަންނަ "ޝާމްބަވީ" ނަމަކަށް ކިޔާ ބޮޑު އެސްޓެރޮއިޑަކާ ގުޅިގެން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެއްގެ މައްޗަށެވެ.
މި ހާލަތުން ސަލާމަތްވުމަށް ބޭނުންވާ ޒަމާންވީ އެއްޗެއް ހޯދުމަށް 'ރުދްރާ' (މަހޭޝް ބާބޫ) އަދި 'މަންދާކިނީ' (ޕްރިޔަންކާ) ކުރާ ދަތުރުގައި، އެމީހުންނާ ދެކޮޅަށް މަސައްކަތްކުރާ ވިލަން 'ކުމްބާ' ގެ ރޯލުން ފެންނާނީ ޕްރިތްވީރާޖެވެ.
މި ފިލްމުގެ މަންޒަރުތައް އެފްރިކާގެ ޖަންގަލިތަކުން ފެށިގެން އެންޓާކްޓިކާގެ ގަނޑުފެންގަނޑުތަކުގެ އިތުރުން ޔޫރަޕްގެ އެކި ގައުމުތަކުގައި ވަނީ ނަގާފައެވެ.
މި ފިލްމުގައި މަހޭޝް ބާބޫގެ ޒުވާން ދުވަސްވަރުގެ މަންޒަރުތަކެއްވެސް ހިމެނޭއިރު، މިއީ އޭއައި ބޭނުންކުރުމެއް ނެތި ގެނެސްދޭނެ މަންޒަރުތަކެއްކަން ފާހަގަކޮށްލެވެއެވެ.
7 އޭޕްރީލް 2027 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ވަރާނަސީ" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން 50 އަށްވުރެ ގިނަ ބަހުން ޑަބްކޮށްގެން ނެރޭނެ ފިލްމެކެވެ. މީގެ ތެރޭގައި ފްރެންޗް، ސްޕެނިޝް، ޖާމަން، އަރަބި، ޖަޕަނީޒް އަދި ކޮރެއަން ބަސް ހިމެނޭނެއެވެ.




