







އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ކަންކަން ހާމާކުރުމަށް ޚާއްސަ ވެބްސައިޓެއް ތައްޔާރުކުރަން ނިންމާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ވެބްސައިޓް މެދުވެރިކޮށް ތަފާތު މެސެޖްތަކާއި އެކި ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔެކިޔުންތައް ފެންނަން ހުންނާނެ ފަދަ ގޮތަކަށް ފަރުމާކުރުމަށް ހުޅުވާލަން ނިންމާފައިވާކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމީ ރިވެތި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ އެކަކު އަނެކަކަށް އިޙުތިރާމްކުރުންކަމަށާއި ދިވެހި ތާރީޚުގެ ފަތްފުށްތަކުން ހެކިދޭ ފަދައިން ދިވެހިންނަކީ ޒަމާނުއްސުރެ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އައިސްފައިވާ، ހަރުދަނާ ސިފަތަކެއްގެ ވެރި ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.
"އިޙްތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މިއީ އެހަމަތަކުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތެއް ކަމަށާއި އެކަކު އަނެކަކަށް ގަދަރާއި އިޙްތިރާމްކޮށް އަޅާލާ މުޖުތަމައަކީ އަބަދުވެސް އުފާވެރިކަމާއި ހަމަޖެހުން ލިބިގެންވާ ތަނަކަށް ވާނެކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޝާމިލުވާނެ ގޮތަށް ކަމަށާއި މި ޕްރޮގްރާމް އެކުލަވައިލުމަށްޓަކައި ރާއްޖޭގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ލިބޭނެ ގޮތަށް ކަމަށްވެސް ވިދާޅުވުއެވެ.







