




.jpg?w=3840&q=75)



ކަންމަތި އެސްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފާއޮޅޭ އެސްސީ ބަލިކޮށް ކަންމަތި ސްޕޯޓްސް ކުލަބުން މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ކަންމަތި ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ނައިން ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ފާއޮޅޭ ސްޕޯޓްސް ކުލަބު ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބު ކުލާސްޓާ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-7 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކަންމަތިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު އެވެ.
ފާއޮޅޭ އެސްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ރާއިފް އާދަމް ސައީދު ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ރައުހާން ރިފްއަތު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަތަށް ފާއޮޅޭއަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށްވެފައި ވަނިކޮށް ކަންމަތި އެސްސީގެ ސާލިމް މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާއެއްވަރުކޮށްދީފަ އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަންމަތި އެސްސީގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އާއޮޅޭގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެސްސީގެ ކީޕަރު އަލީ ރަޝީދު އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ކުލަބު ކްލާސްޓާގެ ޖުމައިލް ޖަމާލް އަދި ފާއޮޅޭ އެސްސީގެ ރައުހާން ރިފްއަތު އެވެ. މިދެކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކަންމަތި އެސްސީގެ ކޯޗު މުހައްމަދު އާދަމް އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކީ ކަންމަތި ޖޫނިއާރސްގެ ޔޫޝައު ޔޫސުފް އެވެ. ފެއާޕްލޭ ޓީމަކީ ކަންމަތި ޖޫނިއާރސް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖުމައިލް ޖަމާލް (ކުލަބް ކްލާސްޓާ)، ހުސެއިން މުހައްމަދު (ކަންމަތި އެސްސީ)، ރައުހާން ރިފްއަތު (ފާއޮޅޭ އެސްސީ)، ރައުޝަމް އާދަމް ސައީދު (ފާއޮޅޭ އެސްސީ) އަދި އަލީ ރަޝީދު (ކަންމަތި އެސްސީ) އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ "ކިންގް އޮފް ދަ ޓޯނަމަންޓް" ގެ މަގާމު ހޯދީ ފާއޮޅޭ އެސްސީގެ ރައުހާން ރިފްއަތު އެވެ.
11 ސެޕްޓެމްބަރު 2026 އިން 21 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރިިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.








