







ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ އިސްވެރިޔަކަށް، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު އައްޔަން ކުރައްވައިފިއެވެ.
މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެކެވެ.
އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ކުންފުނި އުފެއްދެވީ މިދިޔަ ޖުލައި މަހުއެވެ. މިއީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކުކުރުމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމަށް، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ.
މާނިއު އަކީ މި ސަރުކާރު ފެށުނުއިރު ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ. ނަމަވެސް ޖުލައި 2024 ގައި އެ މަގާމުން އޭނާ ވަކިކުރައްވައި، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން، ދެ ދުވަސް ފަހުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.




