







ހުރިހާ ރައްޔިތުން ހަމަހަމަވާނީ އެންމެފުރަތަމަ ގައުމު އިސްކުރުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ޕާޓީގެ ފިކުރަކީ އިހްލާސްތެރިކަމާއެކު އެންމެ ފުރަތަމަ ޤައުމު އިސްކުރުން ކަމަށާއި މާތް ﷲ ދެއްވާފައިވާ ބުއްދީގެ ނިއުމަތް ބޭނުންކޮށް، އެކަލާނގެ މަތި ކުރައްވާފައިވާ ޒިންމާ އިޚްލާސްތެރިކަމާއެކީގައި އަދާކޮށް، އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން އަންނާން އޮތް ޖީލުތަކަށް ޤައުމު ފޯރުކޮށްދޭނެ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
މީގެއިތުރުން ހުރިހާ ރައްޔިތުން ހަމަހަމަވާނީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުން ކަމަށާއި ރައްޔިތުންނަށް އަދުލުވެރިކަމާއި އިންސާފާއެކީގައި ހިދުމަތް ކުރެވޭނީވެސް އެ ފިކުރުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި އެ ފިކުރުގައި އެންމެ އިސް ކަމަކީ މާތްވެގެންވާ އިސްލާމް ދީން ކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޕީއެންސީގެ އަސާސަކީ މާތްވެގެންވާ ދީނުގެ އަސާސް ކަމަށާއި މި ސަރުކާރުން އެންމެ ފުރަތަމަ ސިކުންތުން ފެށިގެން މިއަދާ ހަމައަށްވެސް ޤައުމުގެ ކަންކަން ކުރަމުން އައިސްފައިވަނީ ވެސް އަދި ކުރެވޭތޯ މަސައްކަތް ކޮށްފައިވަނީ ވެސް އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ނަސްރުދީގެން ކަމަށެވެ.
ރައިސް އިތުރަށް ވިދާޅުވީ އެޕާޓީ ތެރޭގައި މިކަމުގައި ހިޔާލު ތަފާތުވުމެއް ނެތް ކަމަށާއި ޕާޓީތެރޭގައި ބަދަހި ސަފުތަކެއް އޮތީ މި ސަބަބުތަކަށްޓަކާ ކަމަށެވެ. އަދި ޕީއެންސީ ތެރޭގައި ބައިބައި ވުމެއް ނެތް ކަމަށާއި ޕީއެންސީ މެމްބަރުންގެ ތެރޭގައި އެކުވެރިކަން އެހާ ރަނގަޅީ އެސަބަބަށްޓަކާ ކަމުގައި ވެސް ވިދާޅުވިއެވެ.




