








ޑޮލަރުގެ ކަޅު ބާޒާރު އޮތްކަމަށް ބުނުމަކީ ފަސޭހަކަމެއްކަމަށާއި އެ މައްސަލައަށް ފިޔަވަޅު އަޅާއިރު، ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ޑޮލަރުގެ ފައިސާ ދައުރުވާ ގޮތާއި، ނުއަގުގައި ފައިދާ ހޯދުމުގެ މަރުހަލާ ފަދަ ކަންކަން ބެލުމަށް ފަހު، ނުއަގުގައި ފައިސާ ހޯދަނީ ކިހިނެތްކަން ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އެ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަޤިީންކަން ވަނީ ދެއްވާފައެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓެއް އޮތްކަމަށް ބުނުމަކީ، މަތިމަތިން ކަންކަން ބެލުމަށް ފަހު ބުުނަން ފަސޭހަކަމަކަށްވެދާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަކުން އެފަދަ ކަމެއްގެ ތެރެއަށް ވަންނާނީ ވަރަށް ބޮޑަށް ކަންކަން ބެލުމަށްފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ސައީދު ވަނީ އެވާހަކައަކީ އެއްވެސް ސަރުކާރަކަށް އަޅަން ނުކެރުނު ފިޔަވަޅުތަކެއްގެ ވާހަކަ ކަމަށާއި އެކަމަކު އަދުގެ ސަރުކާރުން އެކަން ކުރަމުން އަންނަކަން ހުރިހާ އެންމެންނަށް ވެސް ގަބޫލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސަގެ މުއާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައި ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައި ވެއެވެ.








