




.jpg?w=3840&q=75)


ބަޔާން މިޔުނިކާއި ޔޫނިއަން ބާލިން ވާދަކުރި މެޗުގެ ތެރެއިން..
ޖަރުމަން ބުންޑަސްލީގާގައި މިރޭ އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން މިޔުނިކުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު މެޗުގައި އެލްވަސްބާގާ ވާދަކޮށް ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ޔޫނިއަން ބާލިން އެންމެ ފަހުން ކުޅުނު މެޗުގައި ޝާލްކޭ އަތުން 3-1 ގެ ނަތިޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗުގައި ބަޔާން މިޔުނިކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތިޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ މައިކަލް އޮލީސޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓިމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިމެޗުގައި ބަޔާންގެ އިސްމާއިލް ސައިބަރީ އަދި ޖަމާލް މުސިއާލާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފަ އެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ބަޔާން މިޔުނިކް ތާވަލުގެ ކުރީގައި އޮތްއިރު، މިމެޗުން ބަލިވި ޔޫނިއަން ބާލިން ލީގުގައި ކުޅުން ހަތަރު މެޗުން ހޯދި އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.



