

.jpg?w=3840&q=75)
.jpg?w=3840&q=75)





ސިޓީގެ ހާލަންޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވާދަވެރި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ މެންޗެސްޓާ ސިޓީ އިން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ކޮވެންޓްރީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސިޓީއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުގެ ފިލް ފޮޑެން ކުޅުމުން ބޭރުގައި ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސްއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ފޮޑެންއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީބައި ސިޓީ އިން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާ ގޯލު ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކޮބީ މައިނޫ ފޮނުވާލި ހަމަލާއެއް ވެސް ގޯލު ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
މެންޗެސްޓާ ސިޓީ އިން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެރްލިން ހަލާންޑް ކާމިޔާބުކުރިިއިރު، 69 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ޔުނައިޓެޑްގެ ބްރަޔަން އެމްބިއުމޯއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިިފައެވެ. ނަމަވެސް މުޅި ހުސްކޮށް ހުރެ އެމްބިއުމޯ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ކީޕަރު ޑޮނަރޫމާ ވަނީ ދިފާއުކޮށްފައެވެ.
މިނަތީޖާއެކު ލިގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ސިޓީ މިވަގުތު އޮތްއިރު. މިމެޗުން ބަލިވި ޔުނައިޓެޑް އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.


.jpg?w=3840&q=75)
.jpg?w=3840&q=75)




