




.jpg?w=3840&q=75)


ތިއާގޯ ޗެލްސި ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެންޓްފޯޑުން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ހަލް ސިޓީ އާއި ވާދަކޮށް2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިއީ މިސީޒަނުގައި އެޓީމުން ލަނޑެއް ކާމިޔާބު ނުކޮށް ނިންމާލި ފުރަތަމަ މެޗެވެ.
މީގެ އިތުރުން ބްރެންޓްފޯޑް، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ބޯންމަތާއި ލީޑްސް ޔުނައިޓެޑްގެ އިތުރުން ސަންޑަލޭންޑާއި ވާދަކޮށް އެއްވަރުވެފައިވާއިރު، މިއީ މިސީޒަނުގައި ޕްރެމިއާ ލީގުގައި އެޓީމުން ހޯދި ދެވަނަ މޮޅެވެ.
ލަންޑަނުގެ ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފޯޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ފޯވާޑް ޖައިޑަން އެންތޮނީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލިޑު ހޯދައިދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އެވެ.
ބްރެންޓްފޯޑްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގަައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފީލްޑަރު ފަބިއޯ ކަވާލިއޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ބްރެންޓްފޯޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.



