


.jpg?w=3840&q=75)



ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މައްޗަށްކަމަށާއި ޕީއެންސީގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދަނީ ދީނަށް ނަޞްރުދީ، އިސްލާމީ ހަޟާރަތު އާލާކުރުމަށްކަމަށެވެ. އަދި މާޒީއާއި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ފެނުނީ ފަނާކުރުވަނިވި ފިކުރެއްގެ މަތީގައި ކަންކަން ކުރި މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ރައްޔިތުންގެ ފަޅީގައި ތިބެގެންކަމަށާއި ސަރުކާރު ހިންގަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން، ޤައުމުގެ މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ އޮއިވަރުގައި ޖެހިގެން އެންމެ ރަނގަޅު ނޫން ނިންމުންތައް ނިންމާފައިވާކަން މާޒީއަށް ބަލާއިރު ފެންނަން ހުރިކަމަށާ، ނިންމުންތައް ނިންމާއިރު ރައްޔިތުން އިސްކުރަންވީ ޤައުމުކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެންސީގެ ފިކުރަކީ ޒިންމާދާރުކުރުމުގެ ސިޔާސަތުކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ޤައުމު އިސްކުރާބަޔަކު ޕީއެންސީގެ ފަލްސަފާއާ ދެބަސް ނުވާނެކަން ފާހަގަކުރައްވާ ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމަށެވެ.



.jpg?w=3840&q=75)