


.jpeg?w=3840&q=75)




އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާއިން ހދ. ކުޅުދުއްފުށީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ކޮންސެޕްޓް ޑިޒައިނާ ގުޅޭގޮތުން އެ ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި، އިސްލާމިކް މިނިސްޓްރީން މިހާރު ހުށަހަޅާފައިވާ ޕްލޭނާ މެދު ރައްޔިތުން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ ރައްޔިތުން ފާހަގަކުރި ގޮތުގައި، މިހާރުގެ ކޮންސެޕްޓަކީ ކުޅުދުއްފުށީގެ ބޮޑު އާބާދީއަށާއި އެ މަޝްރޫޢަށް ކަނޑައަޅާފައިވާ ބިމުގެ ސައިޒަށް ބަލާއިރު ޖާގައިގެ ގޮތުން މާ ކުޑަ، އަދި ނަމާދުކުރަން އެކަށީގެންވާ ވަރަށްވުރެ މަދު ޖާގައެއް އޮތް ޑިޒައިނެކެވެ. ރައްޔިތުން ބުނީ އިސްލާމީ މަރުކަޒަކީ އިސްލާމީވަންތަކަން ރަމްޒުކޮށްދޭ، ހައިބަތުހުރި ފުރިހަމަ ބިނާއަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން، ކައުންސިލުން ހުށަހަޅާފައިވާ ޚިޔާލުތަކާ އެއްގޮތަށް ކުރެހުން އިސްލާޙުކޮށްގެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދި މިނިސްޓްރީއަށް ދަންނަވައިދިނުމަށް ރައްޔިތުން ވަނީ ކައުންސިލުގައި އެދިފައެވެ.
މި މައްސަލައިގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އަޅާ މަރުކަޒުގައި ކަނޑައަޅާފައިވާ 1000 މީހުންގެ ޖާގައަކީ ކުޑަ ޖާގައެއް ނޫން ކަމަށެވެ.
ނަމަވެސް، މިނިސްޓަރުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވީ، ހެޔޮ ވެރިކަމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ކަމަށެވެ. އަދި 14،000 އަށްވުރެ ގިނަ މީހުންގެ ދާއިމީ އާބާދީއެއް އޮތް، އަދި ކޮންމެ ދުވަހަކު އެކި ޚިދުމަތްތަކަށް 800 އެއްހާ މީހުން ޒިޔާރަތްކުރާ އުތުރުގެ މައި މަރުކަޒުގައި ޤާއިމުކުރާ އިސްލާމީ މަރުކަޒު ވާންވާނީ މިހާރު ރަށުގައި ހުރި މިސްކިތްތަކަށްވުރެ ޖާގަ ތަނަވަސް، އިސްލާމީ މަރުކަޒެއްގައި ހުންނަންޖެހޭ އެންމެހައި ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ހައިބަތުހުރި ބިނާއަކަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢާ އެކުއެކީ ހަވާލުކުރެވުނު، ކުޅުދުއްފުށްޓަށްވުރެ އާބާދީ ކުޑަ އަދި ޒިޔާރަތްކުރާ މީހުންވެސް މަދު އެހެން ރަށެއްގެ އިސްލާމީ މަރުކަޒަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާއިރު، ކުޅުދުއްފުށްޓަށް ކަނޑައަޅާފައިވަނީ އެންމެ 30 މިލިއަން ރުފިޔާއެވެ. އެހެންކަމުން އިންސާފުވެރި ގޮތަކީ ކުޅުދުއްފުށީގެ ބަޖެޓުވެސް މަދުވެގެން 50 މިލިއަން ރުފިޔާއަށް ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވަނީ ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތަކަށް އިޙްތިރާމްކޮށް، އެ ރަށުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.



.jpeg?w=3840&q=75)


.jpg?w=3840&q=75)
