.jpeg?w=3840&q=75)



.jpeg?w=3840&q=75)



ޕީއެންއެފްގެ މެންބަރުން ނޭނގި ވަކިކުރާ ކަމަށް ބުނާ ވާހަކަތައް އީސީން ދޮގުކޮށްފިއެވެ.
އެ ކޮމިޝަނުން މިކަން ދޮގުކުރީ އޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރާކަމަށް ކުރާ ތުހުމަތުތައް ކުރުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަކަމަށެވެ.
އެހެންކަމުން، މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކޮށްފައިވާކަން ފާހަގަކޮށް ބުނީ އެއިރެއްގެ ޙާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާޙީ ބަދަލުތައް ގެނެސްފައިވާކަމަށެވެ. އަދި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށްކަމަށެވެ.
މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ބުނެއެވެ. އަދި ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއްކަމަށާއި މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިޚްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއްކަމަށްވެސް ކޮމިޝަނުން ވިދާޅުިއެވެ. މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އީސީއަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫންކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ހަޤީޤަތް އޮޅޭގޮތަށް، ޢާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދަނީ ދޮގު ތުހުމަތުތަކެއްކަމަށާއި އެ ޕާޓީން ކުރަމުންދާ ތުހުމަތުތަކާ ދައްކަމުންދާ ވާހަކަތައް އެ ކޮމިޝަނުން ކުށްވެރިކުރެއެވެ. އަދި ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް މި ކޮމިޝަނުން ނަޞޭޙަތްތެރިވެފައިވެއެވެ.
.jpeg?w=3840&q=75)





