


.jpeg?w=3840&q=75)




.jpeg?w=1920&q=75)
ލޫނާ" ގެ ނަމުގައި މެޓާގެ އައު ސްމާޓް އައިނެއް ބާޒާރަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުން
މެޓާ ކުންފުނިން ކެމެރާ ނުހިމެނޭ ގޮތަށް އައު ސްމާޓް އައިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
"ލޫނާ" ގެ ނަން ދީފައިވާ މި އައިނަކީ އަޑާއި އޭއައި ބޭނުންކޮށްގެން މުއާމަލާތްކުރެވޭ ގޮތަށް ފަރުމާކުރަމުންދާ އައިނެކެވެ.
ރިޕޯޓުތައް ބުނާގޮތުން، މި އައު އައިނު ދައްކާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 23 އިން 24 އަށް ބާއްވާ މެޓާގެ ކަނެކްޓް ޑިވެލޮޕަރ ކޮންފަރެންސްގައެވެ. އަދި އޮކްޓޯބަރު މަހުގެ ތެރޭގައި މި އައިނު ބާޒާރަށް ނެރޭނެކަމަށް ބެލެވެއެވެ.
މި އައިނުގައި ކެމެރާ ނުހިމެނޭތީ، މީގެ ދެފަރާތުގެ އަތްގަނޑު މިހާރު ހުންނަ މެޓާގެ ސްމާޓް އައިނުތަކަށްވުރެ ހިމަވެފައި، އާންމުކޮށް އަޅާ އައިނަކާ ވައްތަރުވާނެއެވެ. ލޫނާ އައިނުގައި 6 މައިކްރޯފޯނާއި، ކަންފަތާ ދިމާއަށް އަމާޒުކޮށްފައިވާ ސްޕީކަރުތަކެއް ހިމެނެއެވެ. އަދި މެޓާ އޭއައި އެކްޓިވޭޓް ކުރުމަށްޓަކައި އައިނުގެ އަރިމަތީގައި ޚާއްސަ ފިތެއް ހިމަނާފައިވެއެވެ. އަދި މިއައިނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ކްލަބްމާސްޓަރ އަދި ބަރބޭންކް ސްޓައިލްގައެވެ.
މެޓާއިން ކެމެރާ ނުހިމެނޭ އައިނެއް ނެރެން ނިންމި އެންމެ ބޮޑު ސަބަބަކީ، މިހާރު ހުރި ސްމާޓް އައިނުތަކާ ގުޅިގެން އާންމުންގެ ފަރާތުން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ޕްރައިވެސީއާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށެވެ.
މިހާރު ހުރި ކެމެރާލީ އައިނުތައް ބޭނުންކޮށްގެން ސިއްރުން މީހުންގެ ވީޑިއޯ ނަގަމުންދާތީ، އެއީ "ޕަރވަރޓް ގްލާސަސް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ބައެއް ސްކޫލްތަކާއި ސިނަމާތަކުގައި އެފަދަ އައިނު އެޅުން މަނާކޮށްފައިވެސް ވެއެވެ. މެޓާއިން އުންމީދުކުރަނީ ކެމެރާ ނުހިމެނޭ، ހަމައެކަނި އަޑާއި އޭއައި އަށް ބަރޯސާވާ އައިނެއް ނެރުމުން، ޕްރައިވެސީއަށް ވިސްނާ ފަރާތްތަކުގެ ތަރުހީބު ލިބިގެންދާނެ ކަމަށެވެ.



.jpeg?w=3840&q=75)
