
.jpeg?w=3840&q=75)







އޮކްޓޯބަރު 7 ގައި މައިކްރޯސޮފްޓްގެ ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
މައިކްރޯސޮފްޓުން އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ވިންޑޯޒް އަދި ސަރފޭސް އަށް ޚާއްސަ އިވެންޓެއް އެމެރިކާގެ ސެން ފްރެންސިސްކޯގައި ބޭއްވުމަށް ނިންމައިފިއެވެ.
މައިކްރޯސޮފްޓުން ބާއްވާ މި ބޮޑު ވިންޑޯޒް އިވެންޓުގެ މައިގަނޑު އަމާޒަކީ، ކޮމްޕިއުޓަރުތަކުގެ މުސްތަގުބަލު ބައްޓަންކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދާކުރާނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި އިވެންޓުގައި މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ، އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް، އަދި ވިންޑޯޒް އާއި ސަރފޭސްގެ އިސްވެރިޔާ ޕަވަން ޑަވުލޫރީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެންވީޑިއާގެ ސީއީއޯ މި އިވެންޓުގައި ބައިވެރިވެވަޑައިގަތުމަކީ، އެ ކުންފުނިން ދާދި ފަހުން އުފެއްދި "އެންވީޑިއާ އާރްޓީއެކްސް ސްޕާކް" ޗިޕް ބޭނުންކޮށްގެން އުފައްދާފައިވާ މައިކްރޯސޮފްޓްގެ އައު 'ސަރފޭސް ލެޕްޓޮޕް އަލްޓްރާ' ގެ އަގާއި ބާޒާރަށް ނެރޭނެ ތާރީޚު މި އިވެންޓުގައި އިއުލާނުކުރަން ކަމަށް ބެލެވެއެވެ.
އާރްޓީއެކްސް ސްޕާކް އަކީ ކޮމްޕިއުޓަރގައި އޭއައިގެ ބޮޑެތި މަސައްކަތްތައް ފަސޭހަކަމާއެކު ކުރުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ވަރުގަދަ ޗިޕެކެވެ.
މިއީ ވިންޑޯޒްގެ ބޮޑު އިވެންޓަކަށް ވީނަމަވެސް، މި އިވެންޓުގައި އައު އޮޕަރޭޓިންގ ސިސްޓަމެއް ނުވަތަ ވިންޑޯޒް 12 އިއުލާނުކުރާނެ ކަމަކަށް ޓެކްނޮލޮޖީގެ މާހިރުން ނުދެކެއެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ވިންޑޯޒް 11 ގެ އައު އަޕްޑޭޓްތަކަށާއި، ކޮންމެ ދުވަހެއްގެ އާންމު މަސައްކަތްތަކުގައި އޭއައި އެޖެންޓުން ބޭނުންކުރާނެ ގޮތްތަކަށެވެ.
މީގެ އިތުރުން ޑެލް، ލެނޯވޯ އަދި އެސުސް ފަދަ ކުންފުނިތަކުން އުފައްދާ އާރްޓީއެކްސް ސްޕާކް ޑިވައިސްތަކުގެ މައުލޫމާތުވެސް މި އިވެންޓުގެ ތެރެއިން ސާފުވެގެންދާނެ ކަމަށް ބެލެވެއެވެ.

.jpeg?w=3840&q=75)


