ވެމްކޯގެ މުވައްޒަފުންތަކެއް ޕްލާސްޓިކް ކުނި ނަގަނީ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ގުޅިގެން ރީސައިކަލް ކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.
ބައިނަލްއަގްވާމީ ތިމާވެށި ދުވަހާއި ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ގޯ ގްރީން، ރީސައިކަލް އެންޑް ވިން" ޝިއާރުގެ ދަށުން މަޓާޓޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްލާސްޓިކް ރިސައިކަލް މި ކެމްޕޭނަކީ ބޮޑު އިނާމެއް ހުށަހެޅިގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.
މަޓާޓޯއިން ބުނީ މި ކެމްޕެއިންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕޮލިއެތިލިން ޓެރެފްތަލޭޓް (ޕްލާސްޓިކް) ފުޅިތައް އެއްކުރުމަށްފަހު މާލޭގައި ގާއިމްކުރެވިފައިވާ ވެމްކޯގެ ޓްރާސްފާ ސްޓޭޝަނަށް ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 10:00 އާއި އިރުއޮއްސި 18:00 އާ ދޭތެރޭގެ ވަގުތެއްގައި ގެނެސްދިނުމުން ބައިވެރިވެވޭނެ ކަމަށެވެ. މި ކެމްޕެއިން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ ރީސައިކަލް ކުރާ ޕްލާސްޓިކް ގެ ބަރުދަނަށް ބެލުމަށްފަހުގައިކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.
މި ކެމްޕެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކެމްޕެއިންގެ 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި މަޓާޓޯއިން ހުށަހަޅާފައިވަނީ ކޮލަމްބޯ ދެކޮޅު ޓިކެޓެވެ. މިއީ ޔުނިވާސަލް ޓްރެވަލް ސާވިސްއިން ސްޕޮންސާރ ކޮށްފައިވާ އިނާމެކެވެ.
މަޓާޓޯއިން ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގޭ މިފަދަ ފައިދާކުރަނިވި ކެމްޕޭންތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.












