



%20(1).jpeg?w=3840&q=75)




ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަކީ ގައުމުގެ އިގުތިސާދީ މިނިވަންކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން މުހިންމު ކަމެކެވެ. މިގޮތުން، ވޭތުވެދިޔަ ސަރުކާރުން ނަގާފައިވާ ބޮޑެތި މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް މި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކުރުމެވެ.
މާލީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ނަމުގައި ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ ރޭވުންތެރިކަމާއެކު އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް ފަހު 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް އަދާކޮށް ނިމިފައެވެ. މިއީ ގައުމުގެ މާލީ އިތުބާރު ބައިނަލްއަގުވާމީ މައިދާނުގައި އުފުލިގެންދިޔަ މުހިންމު ކަމެކެވެ.
މިފަދަ ބޮޑު އަދަދެއްގެ ބޭރު ފައިސާ ދަރަންޏަށް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ އެންމެހައި ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް އަރުވާފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ސާފުވެގެންދެއެވެ.
ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދުރާލައި ރޭވުންތެރިކަމާއެކު ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތު އައުމުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މީގެ ހެޔޮ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ހަރުދަނާވެ ވަރުގަދަވެގެންދާނެއެވެ.
ހާސިލުކުރެވުނު މި ނަތީޖާއިން ދައްކުވައިދެނީ، ސަރުކާރުން ދަރަނި މެނޭޖުކުރުމުގައި ގެންގުޅޭ ޒިންމާދާރު އަދި ހަރުދަނާ އުސޫލުތަކެވެ. ގައުމީ ރިޒާވް ވަރުގަދަކޮށް، މާލީ ހަމަޖެހުން ގާއިމުކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމީ ގައުމުގެ އިގުތިސާދީ މުސްތަގުބަލަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެކެވެ.




%20(1).jpeg?w=3840&q=75)