



%20(1).jpeg?w=3840&q=75)




ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ދިނުމަށް ޕީއެންސީގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.
މިގޮތަށް ކޮންގްރެސްއިން ނިންމީ، ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ހުށަހެޅި ހާއްސަ ގަރާރަކުންނެވެ.
ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވައިދެއްވީ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ.
އެ ގަރާރުގައި ބުނީ، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެއް ކަމަށާއި، އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި،ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ގަރާރުގައި ފާހަގަކޮށްފައި ވަނީ، އިގްތިސާދު ސިންދަފާތުކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމާއި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާއި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނުގެ ހައްގުގައްޔާއި އަހުވަންތަ ފަލަސްޠީނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، ރައީސް ޑރ. މުޢިއްޒު ގައުމަށް ގެންނަވަމުންދާ ހަމަޖެހުމާއި ތަރައްގީގެ ދަތުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގުވާ ކަމަށް ޕާޓީގެ މެންބަރުން ދެކޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައި ވަނީ، ޕީއެންސީގެ އަސާސީގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ދިވެހި ގައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަގުބަލަށާއި ލާބައާއި މަންފާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭ ހިނދު. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާދަކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރެއްވުމަށް ހުށަހަޅަން ކަމަށް ގަރާރުގައި ބުންޏެވެ.
މި ގަރާރަށް ބަހުސްކުރުމަށްފަހު، މިއަދު އޮތް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ވަނީ ގަރާރު ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ފެންނަނުފެންނަ ވޯޓު ނަގާފައެވެ. އަދި މި ގަރާރުވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރީ އެ ޕާޓީގެ ކޮންގްރެސްގެ ދެންމެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 1119 މެމްބަރުންގެ ވޯޓުންނެވެ.




%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)
