

.jpg?w=3840&q=75)






ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއެވެ. މިގޮތުން، ސިއްޙަތާއި، ޢާއިލާ އަދި އިޖުތިމާޢީ އެހީގެ ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން 67 އިންސައްތަ މިހާރު ހާސިލުކުރެވިފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވީ، ސިއްޙީ ދާއިރާއިން ވެވަޑައިގެންނެވި 478 ވަޢުދުގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި މި ދާއިރާގެ ކުރިއެރުމަށް ސަރުކާރުން 244 ނިންމެވުމެއް ނިންމަވައި، 835 ޕްރޮޖެކްޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު، ދާއިރާ ތަރައްޤީކުރުމަށް 8,384 ހަރަކާތެއް ހިންގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރަށް 3 އަހަރުވާން ކައިރިވެފައިވާއިރު 67 އިންސައްތަ މަސައްކަތް ހާސިލުކުރެވުމަކީ ސަރުކާރުން މި ދާއިރާއަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުގެ 5 އަހަރާ އަޅާބަލާއިރު، މި ސަރުކާރުން ސިއްޙީ ދާއިރާއަށް ގެނެސްފައިވާ އިންގިލާބީ ބަދަލުތައް ވަރަށް ބޮޑަށް ފެންނަން އެބައޮތެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއިން ހަވާލުކޮށްފައިވަނީ 2.62 ބިލިއަން ރުފިޔާގެ މަޝްރޫޢު ނަމަވެސް، މި ސަރުކާރުން މިހާތަނަށް ވަނީ 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކޮށްފައެވެ. މީގެއިތުރުން، ކުރީ ސަރުކާރުން 16 ހޮސްޕިޓަލެއްގެ މަސައްކަތް ފެށިއިރު މި ސަރުކާރުން ވަނީ 40 ހޮސްޕިޓަލެއްގެ މަސައްކަތް ފަށާފައެވެ. އަދި ކުރީ ސަރުކާރުން 14 ސިއްޙީ މަރުކަޒެއްގެ މަސައްކަތް ފެށިއިރު، މި ސަރުކާރުން ވަނީ އަލަށް 22 ސިއްޙީ މަރުކަޒެއްގެ މަސައްކަތް ފަށާފައެވެ. ހަމައެއާއެކު، ސިއްޙީ ފެސިލިޓީތައް އަޕްގްރޭޑް ކުރުމަށް މި ސަރުކާރުން 89 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވެއެވެ.
މާލެ ސަރަހައްދުގެ މައި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އައިޖީއެމްއެޗްގައި ހުރި 4 އޮޕަރޭޝަން ތިއޭޓަރު ހުރީ ބޭނުންނުކުރެވި، ހަލާކުވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްވެސް ބޭނުންނުކޮށް ގުދަނެއްގެ ގޮތުގައި ހުރިކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ އެ ތިއޭޓަރުތައް ބައިނަލްއަޤުވާމީ މިންގަނޑަށް ސްޓޭންޑަޑައިޒްކޮށް، އަލަށް އިމާރާތެއް ނޭޅި ނަމަވެސް 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވިންގެއް ޤާއިމްކޮށް ޚިދުމަތް ފުޅާކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ސިއްޙީ ވަސީލަތްތައް ކުރިއަރުވައި، ރައްޔިތުންނަށް އަވަސް، އިތުބާރު ހުރި އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މިހާތަނަށް ހާސިލުކުރެވިފައިވާ 67 އިންސައްތައިގެ ކާމިޔާބީއަކީ، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގެ ހެކިދައްކައިދޭ އަލިގަދަ ދަލީލެކެވެ.


.jpg?w=3840&q=75)





