

.jpg?w=3840&q=75)





.jpg?w=3840&q=75)
"މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމަށް، އެކަމުގެ ޗާޓަރުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބަންޑާރަކޮށީގައި ބާއްވާފައިވަނީ މިއަދުއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ކޯލިޝަނަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މުޢާހަދާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފައްދާފައިވާ އިއްތިހާދެކެވެ. މި ކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާއާއެކު ގާތް ގުޅުންތައް ބާއްވަމުން އަންނަ ގިނަ ޤައުމުތަކަކުން ވަނީ ބައިވެރިވެފައެވެ.
ދިފާޢީ ވުޒާރާއިން ބުނީ މިކަމުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެއިތުރުން ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ދެ ޤައުމުގެ އިސް ބޭފުޅުންގެ އިތުރުން، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސީނިއަރ އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.jpg?w=3840&q=75)





.jpg?w=3840&q=75)

