





.jpeg?w=3840&q=75)


މެޑަމް ސާޖިދާ މުޙައްމަދު - ފޮޓޯ: އަޙްމަދު ނަހުޒާން / ގާފު
އަންހެނުންގެ ޖޯޝާއި ޤާބިލުކަން ހާމަނުވާ އެއްވެސް ދާއިރާއެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް މިހެން ވިދާޅުވީ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ.
މެޑަމް ވިދާޅުވީ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަނބަލުންނަށް ފުރިހަމަ ފުރުޞަތުތައް ހޯދައިދިނުމަކީ ޤައުމީ ތަރައްޤީއަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށެވެ. އަދި މުޖުތަމަޢު ބިނާކުރުމާއި އާއިލާތަކުގެ ބަދަހިކަން ދެމެހެއްޓުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގައި އަންހެނުންގެ ޖޯޝާއި ޤާބިލުކަން ހާމަނުވާ އެއްވެސް ދާއިރާއެއް ނެތްކަން ފާހަގަކުރައްވާ ވިދާޅުވީ ޤައުމެއް އާރާސްތުކޮށް، ތަރައްޤީގެ މަގުގައި ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ހިތްމަތަކާއި މިންނަތެއް ކުރަނީ އެ ޤައުމެއްގެ އަންހެނުން ކަމަށާއި، އަންހެނުންނަކީ މުޅި ޤައުމީ ވިންދު ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 264 ކަނބަލަކު ވަނީ ބައިވެރިވެފައެވެ.







.jpg?w=3840&q=75)
