

.jpg?w=3840&q=75)






ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން 'ވަރކް ވިޒާ' އަށް ބަދަލުނުވެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު (14 ސެޕްޓެމްބަރ 2026) ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލަށް ޢަމަލުކުރަން ފަށާނީ 15 ސެޕްޓެމްބަރ 2026 އިން ފެށިގެންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވިދާޅުވީ، ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ އެކިއެކި ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތްތައް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމަށެވެ. ނަމަވެސް، ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ނިޔަތުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، މި އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން ގެނައި މި ބަދަލާއެކު، ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ކަމަށް ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1485 އަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.


.jpg?w=3840&q=75)





