
ކަންމަތި ޖޫނިއަރ އާއި ކުލަބު ކްލާސްޓާ ވާދަކުރި މެޗުގެ ތެރެއިން...
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކަންމަތި ޖޫނިއަރ ބަލިކޮށް ކުލަބު ކްލާސްޓާ އިން މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މުބާރާތުގައި ކުލަބު ކުލާސްޓާ ކުޅުނު ފުރަތަމަ މެޗުގައި ނައިން ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ކަންމަތި ޖޫނިއަރ ކުޅުނު ފުރަތަމަ މެޗުގައި މަނާ އައްޑާ އަތުން 4-3 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކުލަބު ކްލަސްޓާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކްލަސްޓާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ކްލަސްޓާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ކުލަބު ކުލަސްޓާގެ ޖުމައިލް ޖަމީލް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޖަނާހު އިބްރާހިމް، އާދަމް މުހައްމަދު އަދި ހަމްޒާ އަބޫބަކުރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ކުލަސްޓާގެ ޖުމައިލް ޖަމީލް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ކުލަބް ކްލަސްޓާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕް އޭގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކަންމަތި ޖޫނިއަރ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕް އޭގެ ފުލުގައެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ
















