



.jpg?w=3840&q=75)




-
މި ހިނގާ ސެޕްޓެމްބަރު 2026 އަކީ ސިނަމާތަކާއި އޯޓީޓީ ޕްލެޓްފޯމްތަކުގައި ފިލްމުތަކުގެ އީދެއް ފާހަގަކުރާނެ މަހެކެވެ. ކަރީނާ ކަޕޫރުގެ ވަރުގަދަ ތްރިލާއިން ފެށިގެން، އާލިއާ ބަޓްގެ ޕްރޮޑަކްޝަން އަދި މާވެލްގެ ސުޕަހީރޯ ފިލްމުތައް ހިމެނޭގޮތަށް، މި މަހު ޖުމްލަ 16 ފިލްމަކާއި ޝޯއެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
1. ދާޔްރާ
މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ހިންދީ ތްރިލާ ފިލްމު ސިނަމާތަކަށް ނުކުންނާނީ ސެޕްޓެމްބަރު 18 ގައެވެ. ކަރީނާ ކަޕޫރު، ޕްރިތްވިރާޖް ސުކުމާރަން އަދި ކަންވަލްޖީތު ސިންގް މުހިންމު ރޯލުތަކުން ފެންނަ މި ފިލްމުގައި ދައްކުވައިދެނީ، އޮފިސަރު ރާމަން ކުމާރާއި އޭނާގެ ޓީމުން ތުހުމަތުކުރެވޭ ބަޔަކަށް ދިން އެންކައުންޓަރަކީ ގަސްތުގައި ރާވައިގެން ހިންގި ބަޑިޖެހުމެއްތޯ ބެލުމަށް އަނެއް އޮފިސަރު އަޖޫނީ ކޯލީ ތަޙުޤީޤުކުރަން ފެށުމުން، ޤާނޫނު ތަންފީޒުކުރާ ދާއިރާގެ ތެރޭގައި އުފެދޭ ވަރުގަދަ އަރާރުމެކެވެ.
2. ރެސިޑެންޓް އީވިލް
ޒެކް ކްރެގަރ ޑައިރެކްޓްކުރާ ސައި-ފައި ހޮރޯ ފިލްމު ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 18 ގައެވެ. އޮސްޓިން އަބްރަމްސް އަދި ޒެކް ޗެރީ ފެނިގެންދާ މި ފިލްމު ބިނާކޮށްފައިވަނީ މަޝްހޫރު 'ރެސިޑެންޓް އީވިލް 2' ވީޑިއޯ ގޭމްގެ ހާދިސާތަކުގެ މައްޗަށެވެ. މީގައި ފެންނަނީ ސްނޯ ފައިބަމުންދާ ފިނި ރެއެއްގައި ރެކޫން ސިޓީ ޖެނެރަލް ހޮސްޕިޓަލަށް މުހިންމު މެޑިކަލް އެއްޗެހިތަކެއް ގެންގޮސްދޭން މަސައްކަތްކުރާ ބްރަޔަން، ކުއްލިއަކަށް ފެތުރިގަންނަ ވައިރަހެއްގެ ސަބަބުން މުޅި ސިޓީ ހަލާކުވަމުންދާއިރު ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތެވެ.
3. ވައިބް
ކުނާލް ކޭމޫ ޑައިރެކްޓްކޮށް، އޭނާއާއި ޕްރީތީ ޒިންޓާ އަދި ސްޕަރޝް ސްރިވަސްތަވާ މުހިންމު ރޯލުތައް ކުޅޭ ހިންދީ އެކްޝަން ކޮމެޑީ ވެސް ރިލީޒްކުރާނީ ސެޕްޓެމްބަރު 18 ގައެވެ. މި ފިލްމުގައި ދައްކަނީ އާދައިގެ ދެ ރަހުމަތްތެރިއަކަށް ކުއްލިއަކަށް ބޮޑު ނުރައްކާތެރި ރޭވުމެއް ފަޅާއަރައި، މުޅި ގައުމު ސަލާމަތްކުރުމަށްޓަކައި އެއްވެސް ތައްޔާރީއެއް ނެތި ހިތްވަރާއި ރަހުމަތްތެރިކަމުގެ މައްޗަށް ބަރޯސާވެގެން ކުރިމަތިލާންޖެހޭ މަޖާ އަދި ހަލަބޮލި ދަތުރެވެ.
4. ލަވް ލޮޓަރީ
އަކްޝޭ އޮބެރޯއީ އާއި ހޭލީ ދަރުވާލާ ފެންނަ ހިންދީ ރޮމޭންޓިކް ޑްރާމާ 'ލަވް ލޮޓަރީ' ވެސް ސިނަމާތަކުގައި އަޅުވާނީ ހަމަ ސެޕްޓެމްބަރު 18 ގައެވެ. އަރްވިންދް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމުގައި ކިޔައިދެނީ، އިތުބާރު ގެއްލުމާއި މުޖުތަމަޢުގެ ފިއްތުންތަކުގެ ސަބަބުން ކައިވެނި ރޫޅެން ދިމާވާ ޒަމާނީ ދެމަފިރިންގެ ވާހަކައެވެ. ސިއްރުވެރި ގޮތަކަށް އަނބިމީހާ ފެނުމާ ގުޅިގެން ފިރިމީހާ ކާތިކް ސަކްސޭނާގެ މައްޗަށް ތުހުމަތު އަމާޒުވެ، އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ކުރާ އުނދަގޫ މަސައްކަތްތައް މި ފިލްމުން ފެނިގެންދާނެއެވެ.
5. ހުންކާރު: ދަ ރޯރ
ނިތްޔާ މެހެރާ އަދި ކަރަން ޑީ. ކަޕާޑިއާ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ތުރިލާ ޖިއޯހޮޓްސްޓާރ މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނީ ސެޕްޓެމްބަރު 25 ގައެވެ. ފާތިމާ ސަނާ ޝައިޚް އާއި އަނީތު ޕައްޑާ ފެންނަ މި ފިލްމުގައި ކިޔައިދެނީ، ނުފޫޒުގަދަ ރޫޙާނީ އިސްވެރިއަކާ ދެކޮޅަށް 17 އަހަރުގެ ދަރިވަރަކު ހުށަހަޅާ މައްސަލައަކާ ގުޅިގެން އުފެދޭ ހަމަނުޖެހުންތަކާއި، ޙަޤީޤަތް ހޯދުމަށް އޮފިސަރު ޖަސްލީން ސިންގް ކުރާ މަސައްކަތެވެ.
6.ޕާޕާ ޔާރ ބައި ޒާކިރު ޚާން
މަޝްހޫރު ކޮމެޑިއަން ޒާކިރު ޚާންގެ ސްޓޭންޑް-އަޕް ކޮމެޑީ ޝޯ ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާނީ ސެޕްޓެމްބަރު 18 ގައެވެ. މި ޝޯގައި ޒާކިރު ހިއްސާކުރަނީ އޭނާގެ ކުޑައިރުގެ މަޖާ އަދި އަސަރުގަދަ ހަނދާންތަކާއި، އޭނާގެ ބައްޕައާ އެކު ހޭދަކުރި ހަނދާންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މަޖާ ވާހަކަތަކެވެ.

7. ދަ ޕެރަޑައިސް
ސްރީކާންތު އޮޑެލާ ޑައިރެކްޓްކޮށް، ނާނީ އާއި ރާގަވް ޖުޔާލް ލީޑް ރޯލުން ފެންނަ ތެލުގޫ އެކްޝަން ތުރިލާ ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 24 ގައެވެ. މި ފިލްމުގައި ފެންނަނީ އަމިއްލަ ވަޒަނާއި މީސްތަކުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް ތެދުވެ، އަނިޔާވެރިންނާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުމަކަށް ނުކުންނަ ޖާދަލް ނަމަކަށް ކިޔާ ޒުވާނެއްގެ ހިތްވަރުގަދަ ވާހަކައެވެ.
8. ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް
ސިދާތު މަލްހޯތުރާ އާއި ތަމަންނާ ބާޓިއާ ލީޑް ރޯލުން ފެންނަ ހިންދީ ފެންޓަސީ މިސްޓްރީ ސިނަމާތަކުގައި އަޅުވާނީ ސެޕްޓެމްބަރު 25 ގައެވެ. ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކަނީ އަމިއްލަ އަވަށުގައި ވަނުން މަނާކޮށްފައިވާ ވަލުތެރެއަށް ވަދެ، ޒަމާނީ ފިކުރުގެ ޒުވާނަކަށް ދިމާވާ ސިއްރުވެރި ހާދިސާތަކެވެ.
9. އެވެންޖާސް: އެންޑްގޭމް އެންކޯރ
ރޮބަޓް ޑައުނީ ޖޫނިއަރ އާއި ކްރިސް އެވަންސް ފަދަ ތަރިން ހިމެނޭ އެވެންޖާސް އަލުން ސިނަމާތަކަށް ގެންނާނީ ސެޕްޓެމްބަރު 25 ގައެވެ. ރޫސޯ ބްރަދާސް ޑައިރެކްޓްކުރި މި މަޝްހޫރު ފިލްމު އަލުން ސިނަމާތަކަށް ނެރޭއިރު، ކުރިން ނުދައްކާ މަންޒަރުތަކާއި، ކުރިއަށް އޮތް 'އެވެންޖާސް: ޑޫމްސްޑޭ' އާ ގުޅުވައިދޭ މުހިންމު ބައިތަކެއް ހިމެނޭނެއެވެ.
10. ހާޓް އޮފް ދަ ބީސްޓް
ބްރެޑް ޕިޓް އަދި ޖޭ.ކޭ. ސިމަންސް މުހިންމު ރޯލުތައް ކުޅޭ އިނގިރޭސި ސަވައިވަލް ތުރިލާ ސިނަމާތަކުގައި އަޅުވާނީ ސެޕްޓެމްބަރު 25 ގައެވެ. ޑޭވިޑް އޭޔަރ ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކަނީ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަކަށްފަހު، އެލަސްކާގެ ގަދަ ފިންޏާއި ނުރައްކާތެރި ކޯރުތައް ހުރަސްކޮށް ސަލާމަތްވުމަށްޓަކައި އަސްކަރީ ކުރީގެ އޮފިސަރަކާއި އޭނާގެ ވަފާތެރި ކުއްތާ ކުރާ ވަރުގަދަ ހަނގުރާމައެވެ.
11. ޑޯންޓް ބީ ޝައި
އާލިއާ ބަޓް ކޯ-ޕްރޮޑިއުސްކޮށް، ސްރީތީ މުކަރުޖީ ޑައިރެކްޓްކުރާ ހިންދީ ކޮމެޑީ ޑްރާމާ ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރަން ފަށާނީ ސެޕްޓެމްބަރު 25 ގައެވެ. އުމުރުން 20 އަހަރުގެ ޝާމިލީ (ޝައި) ގެ ހުރިހާ ކަމެއް ރޭވިފައި ވަނިކޮށް، ލޯބީގެ އޮޅުންބޮޅުންތަކާއި ނިންމޭ ނުބައި ނިންމުންތަކުގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް މި ޑްރާމާ އިން ފެނިގެންދާނެއެވެ.
12. ޝައްކު: ޓްރަސްޓް ނޯ ވަން
ޕަރިނީތީ ޗޯޕްރާ، ޖެނިފާ ވިންގެޓް އަދި ތާހިރު ރާޖް ބަސީން ފެނިގެންދާ ހިންދީ މިސްޓްރީ ތުރިލާ ނެޓްފްލިކްސް އިން ދައްކަން ފަށާނީ ސެޕްޓެމްބަރު 24 ގައެވެ. ވިހެއުމުގެ ކުޑައިރުކޮޅެއް ފަހުން ހޮސްޕިޓަލުން ގެއްލުނު ދަރިފުޅު ހޯދުމަށް ނުވަ އަހަރު ވަންދެން މަސައްކަތްކުރަމުންދާ މައެއްގެ ވާހަކަ މި ފިލްމުގައި ގެނެސްދޭއިރު، ލިބޭ އައު ހެކިތަކާއެކު މިކަމުގެ އަސްލު އޮތީ އޭނާ އެންމެ އިތުބާރުކުރާ މީހުންނާ ގުޅިފައިކަން އެނގިގެންދާ ގޮތް މި ފިލްމުން ފެންނާނެއެވެ.
މި ފިލްމުތަކާއި ޝޯތަކަކީ މި މަހު ސިނަމާތަކާއި އޯޓީޓީގައި ބަލާލަން ލިބޭނެ އެންމެ ފާހަގަކޮށްލެވޭ އައު ރިލީޒްތަކެވެ.




.jpg?w=3840&q=75)



