މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 5 ކޭސް ފެނި، ޖުމްލަ އަދަދު 269 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 269 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
އެޗްޕީއޭ އިން ބުނީ މި ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،368 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީންނުވާ ފަރާތްތަކުން ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ގޮސް ޑޯޒްތައް ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ވެސް އަންގާފައި ވެއެވެ.
މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އިރުޝާދު ދީފައި ވެއެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތު ހޯދުމުގައި އަބަދުވެސް ރަސްމީ އިދާރާތަކުން ދޫކުރާ މަޢުލޫމާތަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.


%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)

.jpeg?w=3840&q=75)




