
%20(3).jpeg?w=3840&q=75)







ސިޔާސީ ކަންކަމުގައި ފިތުނައާއި ހަމަނުޖެހުން އުފެއްދުމަށް ފުރުޞަތު ނުދީ، ވެރިކަންކުރާ ޕީއެންސީން އަބަދުވެސް ހަރަކާތްތެރިވާނީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށްގެން ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރާއްޖޭގެ އެކި ރަށްރަށުން ވަޑައިގެންނެވި މަންދޫބުންނާއެކު މި މަހުގެ 18 އާ ހަމައަށް ބާއްވާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ފެށުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި އިންނަވައި ރައީސް ވިދާޅުވީ، ސިޔާސީ މަސްރަޙުގައި ޒިންމާދާރުކަން ކުޑަ ގޮތްގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ޕީއެންސީގެ ބަދަހި ސަފުތަކުގެ ތެރެއަށް އެފަދަ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އެ ޕާޓީގެ ސިޔާސަތު ބިނާވެފައިވަނީ "އެންމެ ފުރަތަމަ ޤައުމު" މި ވަރުގަދަ އަސާސަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާޓީގެ ކުރިމަގާއި ދައުލަތް ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް މި ކޮންގްރެސްއަކީ ނުހަނު މުހިންމު ބައްދަލުވުމެއްކަން ބަޔާންކުރައްވަމުން، ޕީއެންސީއަށް އައިސްފައިވާ ބޮޑު ކުރިއެރުމަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، 2023 ވަނަ އަހަރު ވެރިކަމަށް އައުމުގެ މަސައްކަތް ފެށިއިރު އެންމެ 3،000 ގައި އުޅުނު މެންބަރުންގެ އަދަދު، މިއަދު 80،000 އާ ގާތްކުރާ އަދަދަކަށް އިތުރުވެ، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ މަޤާމު ހޯދިފައިވަނީ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީ ޤައުމީ ހަމަޖެހުމާއި، ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރުން ޤައުމުގެ ތަރައްޤީ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މެނިފެސްޓޯއާއި ހުރިހާ ސިޔާސަތުތަކެއްވެސް އެކުލަވާލެވިފައިވަނީ މި ވިސްނުމުގެ މައްޗަށް ކަމަށްވާތީ، ޢާންމު ރައްޔިތުންނަށް މި ކަންކަން ސާފުކޮށްދިނުމުގައި ޕާޓީގެ މެންބަރުން އެއް ރޫޙެއްގައި މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމާވާލެއްވީ، ޕާޓީގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއްކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ޕީއެންސީގެ ފިކުރު ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ޕީއެންސީގެ މަތީ މަޖިލިސް މިމަހުގެ 18 އާއި ހަމައަށް ކުރިއަށްދާނެއެވެ. ޕާޓީގެ މަތީ މަޖިލީހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރާއިރު އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.

%20(3).jpeg?w=3840&q=75)





.jpg?w=3840&q=75)