
%20(3).jpeg?w=3840&q=75)







-
މެލޭޝިޔާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢަށާއި، ޚާއްޞަކޮށް އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި، ޚާއްޞަ ޞިއްޙީ ފަރުވާ ހޯދުމަށް އެ ޤައުމަށް ދަތުރުކުރާ ދިވެހި ބަލިމީހުންނަށް ކުރިމަތިވާ ދަތިތަކަށް ޢަމަލީ ހައްލުތަކެއް ހޯދައިދިނުމާ ގުޅޭގޮތުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރަސްމީކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި މެލޭޝިޔާއަކީ ޒަމާނުއްސުރެ ނުހަނު މުހިންމު އަދި ބަދަހި ބައިވެރިއެއް ކަމަށެވެ. އެގޮތުން، "މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް" (އެމްޓީސީޕީ) މެދުވެރިކޮށް ދިވެހިން ތަމްރީނުކުރުމަށް މެލޭޝިޔާއިން ދެމުންގެންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށާއި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ފުޅާކޮށްދެއްވަމުން ގެންދަވާތީ އެކަމަށްޓަކައި މެލޭޝިޔާ ސަރުކާރަށް ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މެލޭޝިޔާގައި މިހާރުވެސް ދިވެހި ދަރިވަރުންނާއި އާއިލާތަކުން ދިރިއުޅެމުންދާއިރު، އެ ފަރާތްތަކަށް މެލޭޝިޔާ ސަރުކާރުން އަބަދުވެސް ބަހައްޓަމުން އަންނަ އޯގާތެރިކަމާއި މެހެމާންދާރީ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހީންނަށް، ޚާއްޞަކޮށް ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ރާއްޖެއިން ލިބެން ނެތް ޚާއްޞަ ބޭސްފަރުވާއަށް މެލޭޝިޔާއަށް ގޮސް ތިބޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ދެ ލީޑަރުންގެ ދެމެދުގައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްވަރާތަކުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގައާއި އެ ޤައުމުގައި ދިރިއުޅުމުގައި ވިސާގެ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެއްބަސްވެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާކޮށް، ދިވެހި ދަރިވަރުންނަށް އިތުރު ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ދެ ޤައުމު ގުޅިގެން ޢިލްމީ ދިރާސާތައް (ޖޮއިންޓް ރިސަރޗް) ކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ރައީސް ވިދާޅުވީ، މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި، ބޭސްފަރުވާއަށާއި އަދި ޗުއްޓީ ހޭދަކުރުމަށް ބަރޯސާވާ ޤައުމަކަށްވާއިރު، މި މަޝްވަރާތަކުގެ ސަބަބުން މެލޭޝިޔާގައި ތިބި ދިވެހި ކޮންމެ ރައްޔިތަކަށްވެސް އޭގެ ހެޔޮ މަންފާއާއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް މިފަދަ ގާތް އަޚުވަންތަ ގުޅުމެއްގެ ތެރެއިން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެވުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

%20(3).jpeg?w=3840&q=75)




%20(3).jpeg?w=3840&q=75)

