





ތާރީޚުގައި ދިވެހީން ޤައުމީ ދިފާޢުގައި ތެދުވި ކޮންމެ މައްސަލައެއްގެ އަސްލަކީ ދީން ޙިމާޔަތްކުރުމުގެ މަތިވެރި ޢަޒުމް ކަމަށާއި، މި ވަޠަނަށް ލިބިފައިވާ އެންމެ ވަރުގަދަ ސަލާމަތީ އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މާތްﷲ ދިވެހި އުންމަތަށް މިންވަރުކުރެއްވި އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ކަމަށެވެ. އަނދިރި ޝިރުކުގެ ޒަމާނަށް ނިމުމެއް ގެނެސް، އިންސާނިއްޔަތުކަމުގެ ޝަރަފާއި ކަރާމާތް ދިވެހި ފަސްގަނޑަށް ގެނެސްދިނީ އިސްލާމީ ނޫރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިސްލާމީ ތާރީޚުގެ ފުން ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރެވޭނީ މީގެ 900 އަހަރު ކުރިން ރާއްޖޭގެ ހާލަތު އޮތް ގޮތާއި، ދީނުގެ ސަބަބުން މުޖުތަމަޢަށް އައި ބޮޑު އިންގިލާބާމެދު ފިކުރު ހިންގައިގެންނެވެ. އެގޮތުން ފަރުދީ ޙަޔާތުން ފެށިގެން ސިޔާސީ، އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި އިސްލާމްދީން ގެނެސްދިން އަމާންކަމާއި ރައްކާތެރިކަމަކީ އަންނަން އޮތް ޖީލުތަކަށް އެނގެންޖެހޭ އަސާސީ ޙަޤީޤަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ދީނާއި، ފުރާނައާއި، ބުއްދިއާއި، އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މުހިންމުކަމަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. މި އުޞޫލުތައް މުޖުތަމަޢުގައި ހިފަހައްޓައިފިނަމަ، ދިވެހީން ބަދަލުވެގެންދާނީ އެކަކު އަނެކަކަށް އަޅައިލާ، އަޚުވަންތަ، އަދި ޢިލްމާއި ތަހުޒީބުގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެއްބައިވަންތަކަމުގެ ރޫޙު އޮންނަ މުޖުތަމަޢެއްގައި، ރައްޔިތުންގެ ވިސްނުމާއި މަސައްކަތާއި އިލާހީ މަދަދު އެކުވުމުން އެ ޤައުމަކީ އެއްވެސް ބަޔަކަށް ގުޑުވާނުލެވޭނެ ފަދަ ވަރުގަދަ މިނިވަން ދައުލަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ޤައުމެއްގެ އިސްތިޤުލާލާއި ސިޔާދަތަށް އެތެރެއިންނާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ޖާގަ ނުދީ، ދިފާޢުގައި ތިބުމުގެ ޤާބިލުކަން ރައްޔިތުންނަށް ލިބޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންނަށް ލިބުނު މި މަތިވެރި ނިޢުމަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ކަމަށެވެ. އަދި މާޒީގެ ކާމިޔާބީތަކަށް ޝުކުރުވެރިވާ ފަދައިން، މުސްތަޤުބަލުގައި ޙާޞިލުކުރަން ހުރި ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، އިސްލާމްދީނުގެ ހަމަތަކުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.




.jpg?w=3840&q=75)
