
-
ދިވެހިންނަށް އެންމެ ފަރިތަ، އަދި ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވަރަށް ބޮޑު ގާތްކަމެއް އޮތް މެލޭޝިޔާއާ އެކު ދިވެހިރާއްޖެއިން އަންނަނީ ޒަމާނުއްސުރެ ވަރަށް ބަދހި ގުޅުމެއް ބާއްވަމުންނެވެ. ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރުމަށާއި ދިރިއުޅުމުގެ ބޭނުންތަކުގައި ދިވެހިން އެންމެ ގިނައިން ހިޖުރަކުރާ އެއް ޤައުމަކީ މެލޭޝިޔާއަށް ވާއިރު، މި ގުޅުން މިހާރު ވަނީ ސިޔާސީ އަދި އިޤްތިޞާދީ މަތީ ފަންތީގައި އިތުރު ހަރުފަތަކަށް ވާޞިލުވެފައެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮތް އެއް ޤައުމަކީ މެލޭޝިޔާއެވެ. އެ ޤައުމަކީ ދިވެހި ޒުވާނުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެންމެ އިސްކަމެއްދޭ އަދި އެންމެ މަޤުބޫލު އެއް މަންޒިލެވެ. ޔުނިވަރސިޓީތަކުގެ ފެންވަރު ރަނގަޅުވުމާއި، ދިވެހިންނަށް ދިރިއުޅެން ފަސޭހަ މާޙައުލެއް އޮތުމުގެ ސަބަބުން، ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ތަޢުލީމު ހޯދުމަށް ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ދިވެހި ދަރިވަރުންނެއް މެލޭޝިޔާއަށްދެއެވެ. މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދހި ގުޅުމުގެ އެންމެ ބޮޑު އެއް ހެއްކެވެ.
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ މި ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ އިސްވެރިން ވަނީ ތަޢުލީމީ، އިޤްތިޞާދީ، އަދި ސަޤާފީ ދާއިރާތަކުން ގުޅިގެން މަސައްކަތկުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި މަޝްވަރާކުރައްވާފައެވެ.
މި ގުޅުން އިތުރަށް ބަދހިވެގެންދިޔައީ، މެލޭޝިޔާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، 2022 ނޮވެމްބަރު މަހު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރު އަންވަރަށް ރައީސް ޑރ. މުޢިއްޒު ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ބޭއްވުމާއި، ދެ ޤައުމުގެ ގުޅުން ކުރިއަށްދާނެ މިސްރާބާ ގުޅޭގޮތުން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްވަރާތަކަށްފަހު ދެ ލީޑަރުން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖެއާއި މެލޭޝިޔާގެ ގުޅުމަކީ ހަމައެކަނި ސަރުކާރުތަކުގެ ފެންވަރުގައި އޮތް ގުޅުމެއް ނޫނެވެ؛ އެއީ ދެ ޤައުމުގެ ރައްޔިތުންގެ ޒަރީޢާއިން ޒަމާނުއްސުރެ ބިނާވެފައިވާ ވަރުގަދަ ބިންގަލެކެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅާއެކު، ދިވެހި ދަރިވަރުންނަށް ހުރި ފުރުޞަތުތައް ފަހިކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އިތުރު އެއްބާރުލުން ހޯދުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
















