
ގްރީން ޒޯނުން އުޅަނދުތައް ނަގަންޖެހޭ ވަގުތު އަންގައިފިއެވެ.
ފުލުހުން މިގޮތަށް އެންގީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެންނެވެ.
އެ އިދާރާ އިން ވަނީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ސިޓީ ގާޑަންއާއި ދެމެދުން ކަނޑު އުޅަނދުތަކާއި ބޮޑުތަކުރުފާނު މަގާއި އަމީރު އަޙުމަދު މަގުގައި ހޮޓެޖް ޖެންއާ ހަމައަށް އޮންނަ ސަރަޙައްދާ ހަމައަށް އެއްގަމު އުޅަނދުތައް ނެގުމަށް އެދިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 15 އަށެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
އެހެންކަމުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައިވާ އެންމެހާ ކަނޑުއުޅަނދުފަހަރު މިމަހު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ. އަދި އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.
އެ ސަރަޙައްދަކީ ބޮޑުވަޒިރަށް ރަސްމީ މަރުޙަބާ ކިޔާ ސަރަޙައްދެވެ. ރަސްމީ ބައްދަލުކުރެއްވުންތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ކުރިއަށްދާނެއެވެ. ބޮޑުވަޒީރުގެ ދަތުރުފުޅުގެ ހަރަކާތްތައް އޮންނާނީ މިމަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.



.jpg?w=3840&q=75)
.jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)


