







މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ އެރުއްވި ދަޢުވަތަކަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު، މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.




