






-
ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ރަސްމީ އިއްޒަތުގައި ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގެ ސަރަހައްދަށް ބޮޑުވަޒީރު ވަޑައިގަތުމުން ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އެރުވުމުގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ.
އަދި ސްކޫލް ދަރިވަރުންގެ ޚާއްޞަ ޘަޤާފީ ހުށަހެޅުމެއް ފެނިގެންދިޔަ މި ރަސްމިއްޔާތުގައި، އެމަނިކުފާނުގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރ ބޮޑުވަޒީރު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. މީގެއިތުރުން ދިވެހި ދައުލަތުގެ އިއްޒަތްތެރީންނާއި މެލޭޝިއާގެ ވަފުދުގެ އިސް ބޭފުޅުން ވަނީ ދެ ބޭފުޅުންނަށް ތަޢާރަފުވެވަޑައިގެންފައެވެ.
މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް، މި މަހުގެ 14 އިން 15 އަށް ބޮޑުވަޒީރު ކުރައްވާ ދަތުރުފުޅެކެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.






