








-
މެލޭޝިޔާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. ނޮވެމްބަރު 2022 ގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު މިއަދު ފެށިގެންދާއިރު، މިއީ ސިޔާސީ ހަޔާތުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ލީޑަރެއްގެ ވިސްނުންފުޅު ރަމްޒުކޮށްދޭ ކަމެކެވެ.
އަންވަރު އިބްރާހީމަކީ މެލޭޝިޔާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ އަދި އެހާމެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. 1990ގެ އަހަރުތަކުގައި މެލޭޝިޔާގެ ނައިބު ބޮޑުވަޒީރުކަމާއި މާލީ ވަޒީރުކަން ކުރެއްވި އަންވަރު، ފަހުން ސިޔާސީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ދިގު މުއްދަތަކަށް ޖަލު ހުކުމްތަކަކާއި ބޮޑެތި އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ނަމަވެސް، ވެއްޓިވަޑައިގަތުމަށްފަހު އަލުން ކޮޅަށްވަޑައިގެން، ޕަކަތާން ހަރަޕަން ކޯލިޝަންގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ކުރެއްވި ބުރަ މަސައްކަތުން 2022 ވަނަ އަހަރު އެމަނިކުފާނު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތް ސިފަވެގެންދަނީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި ދިގު ޖިހާދެއްގެ ގޮތުގައެވެ.
ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ގެންގުޅުއްވަމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި މެލޭޝިޔާގެ އެކުވެރިކަން ފުޅާކޮށް، ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމުގެ ސިޔާސަތެކެވެ. ޚާއްޞަކޮށް އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން އިތުރުކުރުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ކުދި ޤައުމުތަކާ ގާތް ގުޅުމެއް ބޭއްވުމެވެ. އެގޮތުން، ރާއްޖެއާ މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު ގެންގންދަވާ ތަޞައްވުރަކީ ދެ ޤައުމުގެ ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި އައު ބާބެއް ފެށިގެންދާނެ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ރައީސް ޑރ. މުޢިއްޒު ރޭ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރުމަށާއި ދިރިއުޅުމުގެ ބޭނުންތަކުގައި ދިވެހިން އެންމެ ގިނައިން ހިޖުރަކުރާ އެއް ޤައުމަކަށް މެލޭޝިޔާ ވާއިރު، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ވެރިން ރަސްމީ މަޝްވަރާތައް ބާއްވައި، ތަޢުލީމީ، އިޤްތިޞާދީ އަދި ސަޤާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަން މަތީ ފަންތިއަކަށް ގެންގޮސްދޭނެ ވަރުގަދަ ބިންގަލެކެވެ.








