








ބިލެއް ޓައިޓެންސް އާއި ކަންމަތި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން...
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބިލެއް ޓައިޓެންސް ބަލިކޮށް ކަންމަތިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި ކަންމަތި އެސްސީ ކުޅުނު ފުރަތަމަ މެޗުގައި ފާއޮޅޭ ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބިލެއް ޓައިޓެންސް ކުޅުނު ފުރަތަމަ މެޗުގައި އާލު ސްޕޯޓްސް ކުލަބު އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބިލެއް ޓައިޓެންސް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝައިހާން އަލީ އެވެ.
ބިލެއް ޓައިޓެންސްގެ ލަނޑަށް ފަހު ކަންމަތިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ފަހަތުން އަރައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މިދެނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން އީސާ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައި ކަންމަތި ސްޕޯޓްސް ކުލަބު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ބިލެއް ޓައިޓެންސް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕް ބީގެ ތިންވަނައިގައެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ




