






ކަންމަތި އެސްސީ އާއި ފާއޮޅޭ އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުލަބު ހުވާސް
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް ބިގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ފާއޮޅޭ އެސްސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކަންމަތި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ކަންމަތިން މެޗުގެ ލިޑު ހޯދީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން މުހައްމަދު އެވެ.
މިއީ އެޓީމުގެ އަލީ ހުމޭޒް ކަންމަތި ހާފުތެރޭގައި ހުރެ މަތިމަތިން ކުރިއަށް ފޮނުވާލި ބޯޅައެއް ހާއޮޅޭގެ ޕެނަލްޓީ އޭރިއާތެރެއިން ކޮންޓްރޯލް ކުރިމަށް ފަހު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކަންމަތި ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެސްސީގެ ހުސެއިން މުހައްމަދު އެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ







