






މާލޭގެ މަސްޖިދުލް ފުރްޤާން މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ޤަޟާއުޙާޖާކުރި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ (32އ) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 2026 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްޤާންއަށް ވަދެ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް މިސްކިތުގެ ހުރުމަތް ކަނޑައި، މިސްކިތް ތެރެއަށް ޤަޟާއުޙާޖާކުރި ކަމުގެ ތުހުމަތުގައި ނައުޝާދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގެ ހުރުމަތް ކަނޑައި، މިސްކިތްތަކަށް އެކި ގޮތްގޮތުން ގެއްލުންދިނުމުގެ މައްސަލަތަކަކީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ މައްސަލަތަކެކެވެ. މިގޮތުން ކައިރިކައިރީގައި މިސްކިތްތަކަށް ހަމަލާދީ، ގެއްލުންދޭ މައްސަލަތައް ނުހުއްޓުވި ތަކުރާރުވަމުންދާތީ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
މިފަދަ ހާދިސާތަކުގެ ތެރެއިން، މިފަހުން ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.




%20(2).jpeg?w=3840&q=75)

