
ކްލަސްޓާ އާއި ނައިން އެސްސީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ކުލަބު ހުވާސް
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުލަބު ކްލާސްޓާ އާއި ނައިން ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފަ އެވެ.
އެގޮތުން މިމެޗުގައި ކުލަބުގެ ކުލަސްޓާގެ ދެ ލަނޑު ވެސް އެޓީމުގެ ޝާފިއު މުހައްމަދު ކާމިޔާބުކުރިއިރު، ނައިން ސްޕޯޓްސް ކުލަބުގެ ޔާނިއު އަބްދުލް ޣައްފާރު އަދި އިބްރާހިން ސިރާޖު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަަށް ހޮވުނީ ކުލަބުގެ ކުލަސްޓާގެ ޝާފިއު މުހައްމަދު އެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ













