








މެއިންސްޓްރީމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސައިޑް ކުއެސްޓް ފެސްޓިވަލް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ވަނީ މި ފެސްޓިވަލަށް އެހީތެރިކަން ދިނުމަށް ފާސްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، މެއިންސްޓްރީމަކީ ޒުވާނުންގެ ޖަމްޢިއްޔާއެއް ކަމަށާއި، ޒުވާނުން ކުރާ މިފަދަ ކޮންމެ ކަމެއްގައި ކައުންސިލުން ބައިވެރިވެ އެއްބާރުލުން ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވިދާޅުވީ، ޒުވާނުން ކުރިއަށްގެންދާ މިފަދަ ކޮންމެ ހަރަކާތަކަށްވެސް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
މެއިންސްޓްރީމް ޖަމްޢިއްޔާގެ ފަރާތުން ސިޓީ ކައުންސިލްގައި އެދިފައިވަނީ، މި ފެސްޓިވަލް ބޭއްވުމަށް ސިޓީ ހޯލް ދޫކުރުމުގެ އިތުރުން، އެ ތަނުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތް އެ ޖަމްޢިއްޔާއަށް ހަމަޖައްސައިދިނުމަށެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ހުރިހާ އިންތިޒާމުތަކެއް އެ ޖަމްޢިއްޔާއަށް ފަހިކޮށްދިނުމަށް ނިންމާފައެވެ. މި ފެސްޓިވަލް އޮތީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 10 އިން 12 އަށެވެ.






.jpeg?w=3840&q=75)

