


.jpeg?w=3840&q=75)





އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޯބަރ މަހަށް ފަސްކޮށްފިއެވެ.
މިކަން ހާމަކުރީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭ ކަމަށާއި އެހެންނަމަވެސް މި މަހުގެ 19 ގައި ބާއްވަން ތާވަލުކުރި ކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ.
ޝިފާޒު ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަންދޫން ކަނޑައަޅައި، މުޅި ޑެލިގޭޝަންގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މި ފަހަރުގެ ކޮންގްރެސްގައި އެންމެ ތަފާތު ކަމަކީ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުން ކަމަށާއި އެގޮތުން ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި ޕާޓީ މެދުވެރިކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
”ރަށްވެހި އުފެއްދުން“ މި ޝިއާރަށް ކުރިއަށްގެންދާ މި ކޮންގްރެސް ލަސްވުމާ ގުޅިގެން މި މަހުގެ 20 އާ ހަމައަށް އުފައްދައި ފުރިހަމަވާ ޕާޓީގެ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވެވޭނެ ކަމަށް ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު މިހާރުވަނީ ނިންމަވާފައެވެ. އަދި މި މަހުގެ 30 އިން ފެށިގެން ކޮންގްރެސްގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ.



.jpeg?w=3840&q=75)
