.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



-
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ވޯލްޑް ޓޫރިޒަމް ސިޓީސް ފެޑެރޭޝަން (ޑަބްލިއު.ޓީ.ސީ.އެފް) ގެ މެންބަރަކަށް ވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ވަނީ ފާސްކޮށްފައެވެ.
މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، މި ޖަމްޢިއްޔާގައި ބައިވެރިވުމަށް ކައުންސިލުން ދައްކަން ޖެހެނީ 2,000 އެމެރިކާ ޑޮލަރުގެ މެންބަރޝިޕް ފީއެއް ކަމަށެވެ. އަދި މި މެންބަރޝިޕްގެ ސަބަބުން މާލޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުމަށް ފުޅާ ދާއިރާއެއްގައި ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެކި ދާއިރާތަކުން ފަންނީ ތަމްރީނުތަކާއި، ކޮންސަލްޓެންސީ އަދި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް މާލެ ސިޓީއަށް ލިބިގެންދާނެކަންވެސް ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ތާއީދުކުރައްވައި ވާހަކަދެއްކެވި ކައުންސިލަރުން ވިދާޅުވީ، މިއީ މާލެ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ވޯލްޑް ޓޫރިޒަމް ސިޓީސް ފެޑެރޭޝަން (ޑަބްލިއު.ޓީ.ސީ.އެފް) އަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ސިޓީތަކާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން، ޗައިނާގެ ބެއިޖިންގް ސިޓީގެ އިސްނެގުމުގެ މަތިން 15 ސެޕްޓެމްބަރު 2012 ގައި އުފެއްދި ދުނިޔޭގެ ފުރަތަމަ ސިޓީ-ބޭސްޑް ޓޫރިޒަމް ޖަމްޢިއްޔާއެވެ. 58 ފައުންޑިންގ މެންބަރުންނާއެކު ފެށި މި ޖަމްޢިއްޔާގައި މިހާރު ދުނިޔޭގެ 89 ޤައުމަކުން 269 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. ޖަމްޢިއްޔާގެ މައި އިދާރާ ބެއިޖިންގްގައި ހުންނައިރު، ކޮންމެ އަހަރަކުވެސް ބާއްވާ "ފްރެގްރަންޓް ހިލްސް ޓޫރިޒަމް ސަމިޓް" ގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދާ ބެހޭ ދިރާސީ ރިޕޯޓްތައް ނެރުމުގެ މަސައްކަތް އެ ޖަމްޢިއްޔާއިން އަންނަނީ ކުރަމުންނެވެ.
.jpg?w=3840&q=75)







