

.jpeg?w=3840&q=75)





.jpeg?w=3840&q=75)
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ވޯލްޑް ޓޫރިޒަމް ސިޓީސް ފެޑެރޭޝަން (ޑަބްލިއު.ޓީ.ސީ.އެފް) ގެ މެންބަރަކަށް ވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި މި މައްސަލަ ފާސްކުރީ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، މި ޖަމްޢިއްޔާގައި ބައިވެރިވުމަށް ކައުންސިލުން ދައްކަން ޖެހެނީ 2000 އެމެރިކާ ޑޮލަރުގެ މެންބަރޝިޕް ފީއެއް ކަމަށެވެ. އަދި މި މެންބަރޝިޕްގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މާލޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް ބޮޑު އެކްސްޕޯޝަރއެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، އެކި ދާއިރާތަކުން ތަމްރީނުތަކާއި ކޮންސަލްޓެންސީ އަދި ކޯލަބަރޭޝަން ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު މި ކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކައުންސިލަށް ހުށަހެޅުނު މި މައްސަލައަށް ތާއީދުކުރައްވައި ވާހަކަދެއްކެވި ކައުންސިލަރުން ވިދާޅުވީ މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ޕްލެޓްފޯމްގެ ޒަރީއާއިން މާލެ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑެތި މަންފާތަކެއް ލިބި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު ފުރުޞަތުތަކެއް ހުޅވިގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ވޯލްޑް ޓޫރިޒަމް ސިޓީސް ފެޑެރޭޝަން (ޑަބްލިއު.ޓީ.ސީ.އެފް) އަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ސިޓީތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ޗައިނާގެ ބެއިޖިންގް ސިޓީގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މިއީ ސިޓީތަކަށް ޚާއްޞަކޮށްގެން ދުނިޔޭގައި އުފެއްދި ފުރަތަމަ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއެވެ.
މި ޖަމްޢިއްޔާ އުފެދުނީ 15 ސެޕްޓެމްބަރު 2012 ގައެވެ. ޖަމްޢިއްޔާގެ މައި އިދާރާ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ހުންނައިރު، 58 ފައުންޑިންގް މެންބަރުންނާއެކު ފެށި މި ޖަމްޢިއްޔާގައި މިހާރު ދުނިޔޭގެ 89 ޤައުމަކުން 269 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ.
ޑަބްލިއު.ޓީ.ސީ.އެފް އިން ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަކީ "ފްރެގްރަންޓް ހިލްސް ޓޫރިޒަމް ސަމިޓް" (Fragrant Hills Tourism Summit) އެވެ. މީގެ އިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދާ ބެހޭ މުހިންމު ދިރާސާ ރިޕޯޓްތައް ނެރުމާއި، މެންބަރު ސިޓީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ މަސައްކަތްތަކެއް އެ ޖަމްޢިއްޔާއިން އަންނަނީ ކުރަމުންނެވެ.


.jpeg?w=3840&q=75)


.jpeg?w=3840&q=75)


