


.jpeg?w=3840&q=75)





މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ "ޑްރަގް ކެފޭ" އެއްގެ ގޮތުގައި ބޭނުންކުރަމުން އައި ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާޠިމް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އޭނާ ޖަލަށްލުމަށް ހުކުމް ކުރީ އެ ގޭގައި މަސްތުވާތަކެތި ޓްރެފިކްކޮށް ވިޔަފާރިކުރުމަށް ހުއްދަދީ ފުރުޞަތު ދިންކަމުގެ ކުށް ސާބިތުވުމުންނެވެ.
20 ޖަނަވަރީ 2026 ވަނަ ދުވަހުގެ ރޭގަނޑު 19:30 ހާއިރު، ގ. ޕެލިކަން ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކާ ގުޅިގެން ކޮށްފައިވާ ދަޢުވާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެއަށް ގޮސް ގޭޓު ހުޅުވުމަށް އެންގުމުން ހުޅުވާފައިނުވާތީ، ބާރުގެ ބޭނުންކޮށްގެން އެތެރެއަށް ވަދެ ބަލައިފާސްކުރިއިރު، އެ ގޭގެ ގްރައުންޑް ފްލޯގައި އަމްޖަދު ރިޤާބް އަދި މުޙައްމަދު ނާއިފް ތިއްބައި ވަނީ ފެނިފައެވެ.
އެ ދެ މީހުންގެ ޙާޟިރުގައި އެ ތަން ބަލައިފާސްކުރިއިރު، ގްރައުންޑް ފްލޯގެ ޓައިލްސް މަތިންނާއި، ފައިފުހި މަތިންނާއި، އަށިމަތީގައި އޮތް ސިޓީއުރައެއްގެ ތެރެއިން އަދި ފާޚާނާ ތަށި ތެރެއިންނާއި ފްލަޝް ޓޭންކު ތެރޭގައި ފޮރުވާފައި ރަބަރު ޕެކެޓަކާއި ސެލޯފިންކޮޅުތަކުން ގިނަ ޢަދަދެއްގެ ކެނެބިސް (ޓްރެފިކިންގ މިންގަނޑަށް އަރާ ވަރަށް) ފެނިފައިވާކަމަށް ދައުވާގައި ވަނީ ބުނެފައެވެ. މި ތަކެތި ބަންދުކޮށްފައި ހުރި ގޮތުން، އެއީ ކުދިކޮށް ބައިބަޔަށް އަޅައި ވިއްކުމަށް ތައްޔާރުކޮށްފައިވާ ތަކެތިކަން ތަޙްލީލު ރިޕޯޓުތަކުން ހާމަވެފައިވާކަމަށް ވެސް ބުނެއެވެ.
އިބްރާހީމް ނާޠިމްގެ މައްޗަށް ދައުލަތުން މި ދަޢުވާ އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުންނެވެ. އެއީ އެއްޗެއް ނުވަތަ ޢިމާރާތެއް މަސްތުވާތަކެތި ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ބޭނުންކުރާކަން އެނގިހުރެ ނުވަތަ އެގޮތަށް ޤަބޫލުކުރެވޭނެ ފުރުޞަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަށް ތަޞައްރަފުކުރާ ފަރާތުން އެކަމަށް ހުއްދަދީ ފުރުޞަތު ދިނުމުގެ ކުށުގައެވެ.
މި ދައުވާ އަށް ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ނާޠިމް އިންކާރުކޮށް ބުނެފައިވަނީ، އެ ތަނަކީ އަމްޖަދު ރިޤާބް އަދި އިތުރު މީހަކަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި، ފުލުހުންނަށް އެތަން ބަލައިފާސްކުރަން އަބަދުވެސް ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި ދިފާޢުގައި ކުލީގެ އެއްބަސްވުންތަކެއް ހުށަހެޅި ނަމަވެސް، ފުލުހުންގެ ސީން އޮފް ކްރައިމް ރިޕޯޓުގެ ފޮޓޯތަކުން އެނގޭ ގޮތުގައި އެ ތަނުގައި އާދައިގެ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް (ކައްކާ ކައިބޮއެ ހަދާނެ ސާމާނު ނުވަތަ ނިދާނެ ތަންމައްޗެއް ފަދަ އެއްޗެއް) ނެތްކަން ވަނީ ފާހަގަކުރެވިފައެވެ.
ހެކިބަސްތަކާއި ކިތާބީ ހެކިތަކަށް ބަލައި ކޯޓުން ކަނޑައެޅި ކަންކަމުގެ ތެރޭގައި، 2014 ވަނަ އަހަރުން ފެށިގެން ގ. ޕެލިކަން ގޭގައި މެދުކެނޑުމެއްނެތި މަސްތުވާތަކެތީގެ ކުށްތައް ހިންގަމުން އަންނަކަމާއި، އެކަމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން ފުލުހުން އިބްރާހީމް ނާޠިމްއަށް ތަކުރާރުކޮށް ނޯޓިސް ދީފައިވާކަން ހިމެނެއެވެ. އެހެންނަމަވެސް، ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ ފުރުޞަތު އޭނާއަށް އޮވެމެ، ކުށްކުރާ ފަރާތްތަކަށް ތަން ދޫކޮށް އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ، މިއީ އެ ތަނުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް އޭނާ ހުއްދަކޮށް ފުރުޞަތު ދިނުން ކަމުގައި ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ބެއްލެވި ޤާޟީ މުޙައްމަދު މިޞްބާޙު ވަނީ، އިބްރާހީމް ނާޠިމްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންކަމުން ވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، އޭނާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.



.jpeg?w=3840&q=75)
